ގޭގައި ތިބެގެން މަސައްކަތް ކުރެވޭ މުވައްޒަފުން، ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް އެމްޓީސީސީއިން ނިންމައިފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެކުންފުނިން އެންމެ ބޮޑު އިސްކަމެއް ދޭނީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.
އެގޮތުން ކޮވިޑް 19 މާލޭގައި އެންމެ ގަދަޔަށް ފެތުރުނު ދުވަސްވަރުގައިވެސް އަދި މިހާރުވެސް އެމްޓީސީސީގެ އެއްވެސް މަސައްކަތެއް މަޑުޖެހިފައި ނުވާކަން އާޒިމް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެއިރު ގިނަ މުވައްޒަފުން މަސައްކަތް ކުރީ ގޭގައި ތިބެގެން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދުވަސްވަރު އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަމުން އަންނަ ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން، ގޭގައި މަސައްކަތް ކުރެވޭ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރަން އެކުންފުނީގެ އެކްޒެކެޓިވް މީޓިންއެއްގައި އިއްޔެ ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިއަދުވެސް އަޅުގަނޑުމެންގެ އެކްޒެކެޓިވްގެ މީޓިންއެއް ބޭއްވުނު. މިއަދު އަޅުގަނޑުމެން މި ނިންމި ނިންމުމަކީ އަޅުގަނޑުމެންގެ އެކްޒެކެޓިވުން އޮފީހަށް އަންނާނީއޭ، އެއާއެކު އޮފީހަށް އަންނާނީ މަދު މީހުންކޮޅެއް، އައިސް ދެން އަޅުގަނޑުމެންގެ ވާޗުއަލްކޮށް މަސައްކަތް ކުރެވޭ މީހުން ވާޗުއަލްކޮށް މަސައްކަތް ކުރަން ގޭގައި ތިބެފައި، ޕްރެކްޓިކަލީ އޮފީހަށް ނުކުންނާން ޖެހޭ މީހާ އޮފީހަށް ނުކުމެ މަސައްކަތް ކުރާނެ އިންތިޒާމުތަކެއް އަޅުގަނޑުމެން މިއަދު މި ހަމަޖެއްސީ" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ، އޮފީހަށް މުވައްޒަފުން ނެރޭނީވެސް ޝިފްޓްތަކަށް ބަހާލައިގެން ކަމަށެވެ.
އާޒިމް ވަނީ ކޮވިޑް 19އިން ރައްކާތެރިވުމަށް ސިއްހީ މާހިރުން ދޭ އިރުޝާދުތަކަށް އަމަލުކުރުމަށް މުވައްޒަފުންނަށް އިލްތިމާސްކުރައްވައިފައެވެ. އެގޮތުން ގައިދުރުކަން ބެހެއްޓުމާއި، އަތްދޮވުމާއި، މާސްކްއެޅުން ފަދަ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އާޒިމް އިލްތިމާސްކުރެއްވިއެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ