އަމީނީ މަގު އަލުން މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، އެ މަގުގެ ތިންވަނަ ސެގްމެންޓުގެ މަސައްކަތް ނިންމައި މި ހަފުތާގައި އާންމު ދަތުރުފަތުރަށް ހުޅުވާލަން ނިންމައިފިއެވެ.
އެމްޓީސީސީން އިއްޔެ ބުނީ މިހާރު ކުރިއަށް ދަނީ އެ ސެގްމެންޓްގެ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ. މި ހަފުތާގައި އެ މަގު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށެވެ.
ޖަންކްޝަންތަކުގެ ކޮންކްރީޓް މަސައްކަތްތަކާއި ޓްރެފިކް ބޭނުންތަކަށް މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ނިންމާފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އިއްޒުއްދީން ހިނގުމުން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް ހިމެނޭ ސެގްމަންޓް 3 ގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 4 ވަނަ ދުވަހުއެވެ. އެގޮތުން 1،924.77 އަކަމީޓަރުގެ ސަރަހައްދެއްގެ ތާރު ނަގައި، އަލުން އޭބީސީ އާއި ތާރު ވަނީ އަޅައިފައެވެ.
ސެގްމަންޓް 3 ގެ މަސައްކަތަށްފަހު ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާ ހަމައަށް ހިމެނޭ ސެގްމަންޓް 4 ގެ ދަށުން 1،148.91 އަކަމީޓަރުގެ ސަރަހައްދެއްގައި ވެސް ހަމަ މިފަދައިން ތާރު ނެގުމަށްފަހު އަލުން ތާރުއަޅައި، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އަމީނީ މަގުގައި ކުރިން އެޅި ތާރުގަނޑު އެކި ހިސާބުތަކުން ގޮސް، އަޑިގުޑަންތައް ގިނަވުމުގެ ސަބަބުން ދަތުރުފަތުރަށް ބޮޑެތި ދަތިތަކާ ކުރިމަތިވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ހަލާކުވެފައިވާ ތާރުގަނޑު ކޮނެ ނަގައިގެން އަލުން ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ޖޫން މަހުގައެވެ.
އެގޮތުން، ދިވެހިރާއްޖޭގެ އަޑުގެ އިމާރާތުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް ހަދަންޖެހޭ ބައި މަރާމާތުކޮށް، މިހާރު ވަނީ އާންމުންނަށް ދަތުރުކުރެވޭނެހެން ހުޅުވާލައިފައެވެ.
އަމީނީ މަގު
ކޮމެންޓް