ކުޅިވަރު

މާއެނބޫދޫ އީދު ކަޕް: ފުރަތަމަ މެޗް ސެވިއޯ ކާމިޔާބު ކުރި އިރު ދެވަނަ މެޗް އެއްވަރު ވެއްޖެ

އައިދާ އަބްދުލް ހަކީމް

ކޮންމެ ބޮޑު އީދަކަށް ހާއްސަކޮށްގެން ދ. މާއެނބޫދޫގައި ބާއްވާ އީދު ކަޕްގެ ފުރަތަމަ މެޗް ސެވިއޯ އާއި ދަގަނޑު ޓީމް ބައްދަލު ކުރި މެޗް 1-0ގެ ނަތީޖާ އަކުން ސެވިއޯ ކާމިޔާބު ކުރި އިރު، ޒެނިތު އާއި ހަބޭސް މެޗް 1-1 އިން އެއްވަރު ވެއްޖެ އެވެ.

އީދު ދުވަހު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި ސެވިއޯ އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗްގެ 46 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އަބްދުﷲ ރަމްޒީއެވެ. އޭގެ ކުރިން އެޓީމަށް ލިބުނު ޕެނަލްޓީ މުހައްމަދު ލިއުޝާން ފޮނުވާލި ނަމަވެސް ވަނީ ނާކާމިޔާބު ވެފައެވެ. އެމެޗުގައި ދަގަނޑު ޓީމްގެ އަހްމަދު އަސްލަމް އާއި އިބްރާހިމް ހުސްނީއަށް ރީނދޫކާޑު ދެއްކި އިރު، އަލީ ޝިފާޒަށް ދެވަނަ ރީނދޫކާޑާއި އެކު ރަތް ކާޑެއް ދައްކައި މެޗް 62 މިނެޓުގައި ވަނީ ދަނޑުން ފޮނުވައިލައިފައެވެ. މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސެވިއޯގެ އަބްދުﷲ ރަމްޒީއެވެ.

މުބާރާތުގެ ދެވަނަ މެޗް އިއްޔެ ހެނދުނު ކުޅެފައިވާއިރު އެމެޗުގައި ބައްދަލުކުރީ ޒެނިތު އާއި ހަބޭސް އެވެ. އެމެޗް ނިމުނީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ. މެޗްގެ ފުރަތަމަ ގޯލް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ 35 ވަނަ މިނެޓުގައި ސާމިއުއެވެ. ޒެނިތު ޓީމަށް ގޯލް ކާމިޔަބު ކޮށްދިނީ މެޗްގެ 49 ވަނަ މިނެޓުގައި ދުންޔާއެވެ. ހަބޭސްގެ ސާމިއު އަދި އަސްހަދު އަށް ރީނދޫ ކާޑު ދައްކައިފައިވާއިރު، ޒެނިތުގެ އާލިމް އަލީއަށް ވެސް ވަނީ ރީނދޫ ކާޑެއް ދައްކައިފައެވެ.

މިދިޔަ އަހަރު އީދުގެ ފުޓުބޯޅަ މުބާރާތް އިންތިޒާމްކޮށްފައި ވަނީ މާއެނބޫދޫ ކައުންސިލުންނެވެ. މި ފަހަރުގެ އީދުކަޕް ބާއްވަނީ އެ ރަށު ޒުވާނުން އިސްނަގައިގެންނެވެ. މި މުބާރާތް މިއަހަރު ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަހުމަދު ޝިޔާމް މައުލޫމާތުދެއްވާ ގޮތުގައި މި މުބާރާތަކީ މާއެނބޫދޫގައި އީދުގެ އުފާ ފާހަގަކުރުމުގެ އިތުރުން ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމަށް ބާއްވާ މުބާރާތެކެވެ.

ނައިން އަ ސައިޑްކޮށް ކުޅޭ މި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހުއެވެ. މި މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ޖުމުލަ 12 މެޗު ކުޅޭނެއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމުގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ، ފެއާޕްލޭ ޓީމް، އެންމެ މޮޅު ގޯލްކީޕަރު ހިމެނޭހެން އެންމެ މޮޅު ނުވަ ކުޅުންތެރިން ހޮވައި ފައިސާގެ އިނާމު ދޭގޮތަށް ހަމަޖެހިފައި ވެއެވެ.

ބޮޑު އީދާ ގުޅިގެން މާއެނބޫދޫގައި ބާއްވަމުން އަންނަ އީދުކަޕް ފުޓްބޯޅަ މުބާރާތަކީ ވަރަށް ދުވަސްވީ ފުޓްބޯޅަ މުބާރާތެކެވެ. މި މުބާރާތް އެކި ދުވަސްވަރު އިންތިޒާމްކޮށްފައި ވަނީ އެކި ފަރާތުންނެވެ.