ކުޅިވަރު

އިންޓަނޭޝަނަލް އިންޑޯ ފުޓުސަލް ސްޓޭޑިއަމެއްގެ މަސައްކަތް ފެށުމަށް މަޝްވަރާކުރަން ފަށައިފި

އައިދާ އަބްދުލް ހަކީމް

މާފަންނު ސްޓޭޑިއަމްގައި ވިލީ ފުލުސް ކުރިމަތީގައި އޮންނަ މިހާރު ފުޓްސަލް ކުޅޭ ވެލި ދަނޑު ލިބިއްޖެ ނަމަ އެތަނުގައި 12 އިންޑޯފުޓްސަލް ދަނޑު ގާއިމުކޮށް އިންޓަނޭޝަނަލް އިންޑޯ ފުޓުސަލް ސްޓޭޑިއަމެއްގެ މަސައްކަތް ފެށުމަށް ޔޫތު މިނިސްޓަރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

"އަވަސް" އިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ފުޓްސަލް އެރީނާ ހެދުމަށް އެފްއޭއެމް އަށް މިހާރު ލިބިފައިވާ ދަނޑުތަކުގެ އިތުރުން ވިލީ ފުލުސް ކުރިމަތީގައި އޮންނަ މިހާރު ފުޓްސަލް ކުޅޭ ވެލި ދަނޑު ލިބިއްޖެ ނަމަ އެތަނުގައި ބުރި ބުރިއަށް 12 ފުޓުސަލް ދަނޑު ގާއިމު ކުރެވިގެންދާނެ ކަމަށެވެ. އެތަނުގައި އިންޓަނޭޝަނަލް ފެންވަރުގެ މުބާރާތް ކުޅެވޭ ވަރަށް އެއް ދަނޑު ތަރައްގީ ކުރެވޭނެ ކަމަށް ވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ފުޓުސަލް އަކީ އިންޑޯ ކުޅިވަރެއް ކަމުން މި ދައުރުގައި ފުޓްސަލް އަށް ވެސް ކަމެއް ކޮށްދިނުމުގެ ގޮތުން މިމަސައްކަތް ކުރަން ނިންމީ ކަމަށެވެ. ފުޓްސަލްގެ ތެރެއިން ވަރަށް ގިނަ ކަންކަން ހުއްޓިފައިވަނީ އިންޑޯ ހޯލެއް ނެތުމުން ކަމަށް ބައްސާމް ވިދާޅުވިއެވެ. އެގޮތުން ކޯޗިން ކޯހާއި ރެފްރީ ކޯސްތަކަށް ވެސް އިންޑޯ ހޯލެއް ބޭނުންވާ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އެހެންކަމުން ކުރިޔަށް އޮތްތާނގައި ސަރުކާރުގެ އެއްބާރުލުމާއެކު އެތަން އިމާރާތް ކުރެވި 12 ވަރަކަށް ދަނޑު އާންމު ރައްޔިތުންނާއި ފުޓުސަލް އަށް ލޯބި ކުރާ ފަރާތްތަކާއި ކްލަބްތަކަށް ލިބިގެންދާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި 18 ވަރަކަށް ބޮޑު ފުޓުބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އެފްއޭއެމް އިން ކުރަމުން އަންނަ ކަމަށް ބައްސާމް ވިދާޅުވި އެވެ. އެ ދަނޑުތަކުގައި ގާއިމުކުރެވިގެންދާނީ ހަމަ އެކަނި އާޓިފިޝިއަލް ޓާފް ނޫން ކަމަށާއި ފީފާ އެޕްރޫވް ޓާފް އެޅި ފެންސް ޖަހައި، ލައިޓާއި ސްކޯބޯޑް ވެސް ހުންނާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

މީގެ ބޭނުމަކީ ޕްރިމިއާ ލީގު 2023 ވަނަ އަހަރު އަތޮޅުތަކުގައި ކުޅޭއިރު ކޮންމެ ޒޯނެއްގައި ވެސް ފެންވަރު ރަނގަޅު ފީފާ އެޕްރޫވް ދަނޑެއް އޮތުން ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.