ކުޅިވަރު

ތިއާގޯ އެދުނު ގޮތަށް އޭނާ ދޫކޮށްލަން ބަޔާންއިން ނިންމައިފި

އައިދާ އަބްދުލް ހަކީމް

ޕްރިމިއާ ލީގްގެ ޗެމްޕިއަން ލިވަޕޫލުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ބަޔާން މިޔުނިކްގެ މިޑްފީލްޑަރު އުމުރުން 29 އަހަރުގެ ތިއާގޯ އަލްކަންޓަރާ ދޫކޮށްލަން އެޓީމުން ނިންމައިފި އެވެ.

ތިއާގޯ ބަޔާން އާއެކު ހަދައިފައިވާ ކޮންޓްރެކްޓްގެ ބާކީ އަދި އެއް އަހަރު އެބައޮތެވެ. ބަޔާން އިން ތިއާގޯގެ ކޮންޓްރެކްޓް އާކުރަން މަސައްކަތް ކޮށްފައިވީ ނަމަވެސް އާ ކުލަބަކާއެކު އާ ޗެލެންޖެއް ނެގުމަށް ތިއާގޯ ބޭނުންވާކަން ތިއާގޯ ބުނެފައިވާ ކަމަށް ބަޔާންގެ ޗެއާމަން ކާލް ހެންޒް ރުމޭނިގޭ ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން ތިއާގޯ ގެންދަން ޝައުގުވެރިވާ ކުލަބަކުން ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު އޭނާ ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ރުމޭނިގޭ ވަނީ ބުނެފައެވެ. ބަޔާންއިން ކަނޑައަޅާނެ ޓްރާންސްފާ ފީ މިވަގުތު މީޑިއާއަށް ހާމަ ކުރަން ބޭނުން ނުވާ ކަމަށް ވެސް ރުމޭނިގޭ ވިދާޅުވި އެވެ.

ތިއާގޯ ވަނީ ބަޔާން އާއެކު ޖެހިޖެހިގެން ހަތް އަހަރު ބުންޑެސް ލީގާގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ޖެހިޖެހިގެން އަށް ވަނަ ފަހަރަށް މި އަހަރު އެ ޓީމުން ވަނީ ލީގް ކާމިޔާބު ކޮށްފަ އެވެ. މީގެ ކުރިން ބަސެލޯނާ އަށް ކުޅުނު ތިއާގޯ ބަޔާން އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.