ހއ. އިހަވަންދޫ ބޯޓެއްގެ ކޭޝިއަރު ކޮވިޑް 19އަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގެ ހާލަތަށް ގެންގޮސްފި އެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ޕޮޒިޓިވް ވެފައިވާ މީހަކީ އިހަވަންދޫގެ "242" ބޯޓުގެ ކޭޝިއަރު ކަމަށެވެ.

އެގޮތުން މި މީހާ ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ އޭނާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުމުން، އަމިއްލައަށް އެދިގެން ބުރާސްފަތި ދުވަހު ނެގި ޓެސްޓަކުން ކަމަށް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ މި މީހާގެ ކޮވިޑް ޓެސްޓުގެ ނަތީޖާ ލިބުނީ ރޭ 11:50 ހާއިރު ކަމަށެވެ.

މި ނަތީޖާއާ އެކު މިހާރު އިހަވަންދޫ ވަނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ރަޝީދު ވިދާޅުވިއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން ރަށް އޮންނާނީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ޕޮޒިޓިވް ވި މީހާ ދިން މައުލޫމާތުން 242 ބޯޓު މާލެ ދަތުރު ކުރި އިރު އޭނާ މާލެ ފައިބައިފައެއް ނުވެއެވެ. ނަމަވެސް އެނބުރި ރަށަށް ގޮސް، ރަށަށް ފައިބައި، އެކި މީހުންނާ އެމީހާ ބައްދަލު ކޮށްފައިވާ ކަމަށް ރަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން 242 އަކީ މުދާ އުފުލާ ބޯޓަކަށް ވުމުން ވަރަށް ގިނަ ބަޔަކާ ކޮންޓެކްޓު ވެފައި ހުރެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ރަޝީދު ވިދާޅުވިއެވެ.

މިހާރުވެސް މި ކޭސްއާ ގުޅިގެން ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތް ކުރިއަށް ގެންދާއިރު، 242 ބޯޓުގެ ކޭޝިއަރާ ކޮންޓެކްޓުވެފައިވާ އެއްވެސް މީހަކު ވާނަމަ 6500284 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރެއްވުމަށް ރަޝީދު އެދިވަޑައިގެންނެވިއެވެ.