ޖުމުލަ 474 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހއ. އިހަވަންދޫގައި ހަދާ ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅައިފިއެވެ.

ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިހަވަންދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފިޝަރީޒް ކޮމްޕްލެކްސްގެ ބިންގާ އަޅުއްވައިދެއްވީ ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމެވެ.

މިފްކޯއާ ގުޅިގެން އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ހަދާ ފިޝަރީޒް ކޮމްޕްލެކްސްގައި 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 50 ޓަނުގެ ބްރައިން ފްރީޒިން ފެސިލިޓީއެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން އޮފީސް އިމާރާތަކާއި އިންޖީނުގެއެއް، ވެހިކަލް ވޯކްޝޮޕަކާއި ގުދަނެއްވެސް ހިމެނޭނެއެވެ. އަދި 130 މީޓަރުގެ ދިގު މަގަތު ފާލަމަކާއި، 3.5 މީޓަރުގެ ފުންމިނުގައި ބަނދަރެއް އަދި ތިން ޕޮއިންޓުން މަސްކިރޭ ޖެޓީއެއްވެސް އެ މަޝްރޫއުގެ ދަށުން ތަރައްގީކުރުމަށް ވަނީ ހަމަޖައްސައިފައެވެ.

މިއަދު ހަވީރު އިހަވަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ ކޮމްޕްލެކްސްގެ އަގަކީ 416 މިލިއަން ރުފިޔާ ކަމަށާއި އެ މަޝްރޫއާއެކު ހަދާ ބަނދަރުގެ އަގަކީ 58 މިލިއަން ރުފިޔާ ކަމަށެވެ. އަދި އެހެންކަމުން އެ މަޝްރޫއުގެ ދަށުން ޖުމުލަ 474 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ މީގެ އިދާރީ، ފަންނީ މަސައްކަތްތަކާއެކީގައި ކުރިއަށްގޮސް، މެއި މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އަމަލީ، ފިޒިކަލް ވޯކް ފެށޭނެ. ހުރިހާ ކަމެއް، އޭގައި ވަރަށް ގިނަ ބައިބައި ހިމެނޭ މަޝްރޫއެއް މިއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަންނަ މެއި މަހު އަމަލީ މަސައްކަތް ފަށައި، ބާރު ސްޕީޑުގައި ނުހިއްޓި އެ މަޝްރޫއު ކުރިއަށްގެންގޮސް، ހުރިހާ މަސައްކަތެއް ނިންމުމަށް 18 ވަރަކަށް މަސްދުވަސް ނަގާނެ ކަމަށާއި ނަމަވެސް އެއަށްވުރެ އަވަހަށް ބައެއް ކަންކަން ނިމި، ބޭނުންކުރަން ފެށޭނެ ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމުން 150 އަކަށް އާ ވަޒީފާ އުފެދިގެންދާނެ ކަމަށް އަންދާޒާކުރެވިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބޮޑުތިލަދުންމަތީގެ މަސްވެރިންނަށް ތެޔޮ އަދި އައިސް ހޯދުމަށް ދުރަށް ދަތުރުކުރަންޖެހޭ ދަތުރުތައް ނިމުމަކަށް ގެނެސް، ހަރަދުތައް ކުޑަކުރުމަށް އިހަވަންދޫގައި ފިޝަރީޒް ކޮމްޕްލެކްސްއެއް ހެދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.