ކުޅިވަރު

ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ނުވަ ވަނަ ފަހަރަށް ހޯދައިފި

އައިދާ އަބްދުލް ހަކީމް

ޕީއެސްޖީން ނުވަ ވަނަ ފަހަރަށް ފްރެންޗް ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭގެ މެޗްގެ ފުރިހަމަ ވަގުތު ހަމަވެ އިތުރުވަގުތު ކުޅުމުންވެސް ދެޓީމުން ކުރެޓީމަކަށްވެސް ލަނޑެއް ކާމިޔާބު ނުވުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕީއެސްޖީން ރޭ ލިޔޯންގެ މައްޗަށް ކުރި ހޯދީ 6-5 ލަނޑުންނެވެ.

ރޭގެ މެޗުގައި ފުރަތަމަ ދެ ޓީމުން ފޮނުވާލި ފަސް ޕެނަލްޓީ ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. ލިޔޯން ގެ ހަވަނަ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. އެ ޕެނަލަޓީ ޖެހީ ބާޓްރަންޑް ޓްރައޯރޭ އެވެ. ޕީއެސްޖީން މެޗް ކާމިޔާބު ކުރީ ހަ ވަނަ ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ. އެ ޕެނަލްޓީ އެޓީަމަށް ކާމިޔާބު ކޮށްދިނީ ޕަބްލޯ ސަރާބިއާ އެވެ.

ރޭގެ މެޗް ކުޅުނީ އެޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ކީލިއަން އެމްބާޕޭ ނުލައި އެވެ. ފްރެންޗް ކަޕްގެ ފައިނަލުގައި އަނިޔާވެ ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ. ފްރެންޗް ކަޕް ފައިނަލުގައި ޕީއެސްޖީ މޮޅުވީ ސެއިން އެޓިއެން އަތުން 1-0 އިންނެވެ. ރޭގެ މެޗަށް ފަސް ހާސް ސަޕޯޓަރުން ވަނީ ވައްދައިފައެވެ.

ކޮވިޑް 19 އާ ގުޅިގެން ލީގުގެ 10 ބުރުގެ މެޗުތައް ނުކުޅެ ލީގު އަވަހަށް ނިންމައިލަން ޖެހުމުން 12 ޕޮއިންޓުގެ ލީޑެއްގައި އޮތް ޕީއެސްޖީ އަށް ތަށި ދޭން ނިންމި އެވެ. ނަމަވެސް ފަހުން އެނިންމުން ބަދަލުކޮށް ފުރުސަތު ލިބުނުހާ އަވަހަކަށް ފްރެންޗް ކަޕާއި ފްރެންޗް ލީގު ކަޕް ފައިނަލް ބާއްވަން ނިންމި އެވެ.

އަންނަ ސީޒަނުން ފަށައިގެން މި މުބާރާތް ނުބާއްވަން ފްރާންސް ފުޓްބޯލް ފެޑެރޭޝަނުން ނިންމީ ޔުއެފާއާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު އެވެ. މިހާރު އޮތްގޮތުން ފްރާންސްގެ ފުޓްބޯޅަ ސީޒަނުގައި އޮންނާނީ ފްރެންޗް ލީގާއި ފްރެންޗް ކަޕްގެ އިތުރުން ސީޒަން ހުޅުވާއިރު ކުޅޭ ސުޕަ ކަޕް މެޗެވެ. އެހެންކަމުން މިއީ 1994 ވަނަ އަހަރުން ފެށިގެން ކޮންމެ ސީޒަނަކު ބާއްވަމުން އަންނަ ފްރެންޗް ލީގު ކަޕް ބާއްވާ ފަހު އަހަރެވެ.