ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ ރިޒް ކުންފުނިން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި ބިދޭސީން ލައްވައި މަސައްކަތް ކުރުވައި، އެމީހުންނަށް މުސާރަ ނުދީ އަދި ހަވާލުވާން ދެކޮޅު ހަދާފައި ހާލުގައި ޖައްސާފައި ވަނިކޮށް އެމީހުން އެރަށުން ބާލައިފި އެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި ބޮޑުފިނޮޅަށް ދޫކޮށްލައިފައި ތިބި 179 ބިދޭސީން އެރަށުން ބޭލީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އަދި އެމީހުން ގެންނަނީ މާލެ އަށެވެ.

އެމީހުން އެރަށުން ބޭލީ "ވަން" އަށް މައުލޫމާތު ދިން މަސްދަރުތަކުން ބުނި ގޮތުގައި، އެރަށުގައި ތިބި ބިދޭސީންނަށް ލިބެމުންދިޔަ ފެނައި ކަރަންޓުގެ ހިދުމަތް ކެނޑުމުގެ އިތުރުން ކައްކާ ކައިބޮއެ އުޅެވޭނެ ގޮތެއް ވެސް ނެތި، އިތުރަށް ހާލުގައި ޖެހިފައި ތިބުމުންނެވެ.

ނަމަވެސް އެމީހުންނާ މާލެ ގެނެސް ބައިތިއްބަނީ ކޮންތަނެއްގައި ކަމެއް ނުވަތަ އެމީހުންނާ ހަވާލުވާނީ ސަރުކާރުން ކަމެއް އަދި ނޭނގެ އެވެ.

ބޮޑުފިނޮޅުގައި ތިބި ބިދޭސީން އެރަށުން ބޭލުވިއިރު، އެމީހުންނަށް މުސާރަ ދިނުމަށް ރިޒް ކުންފުންޏަށް ލޭބާ ރިލޭޝަން އޮތޯރިޓީ (އެލްއާރުއޭ) އިން ވަނީ މިމަހުގެ 23 ވަނަ ދުވަހު އަންގައިފަ އެވެ. އެ އެންގުމުގައި ބުނެފައިވާ ގޮތުން މުސާރަ ދީ ނިންމުމަށްފަހު، އެކަން ކަށަވަރުކުރެވޭނެ ލިޔުމެއް އިއްޔެގެ މެންދުރު 14:00ގެ ކުރިން ހިއްސާކުރަންޖެހެ އެވެ. ނަމަވެސް މުސާރަ ދިން ކަމެއް އަދި ނޭނގެ އެވެ.

ބޮޑުފިނޮޅުގެ މައްސަލަ ފެންމަތިވީ މިމަހުގެ ދެވަނަ ދުވަހު އެތަނުގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ނުލިބި ގިނަ މަސްތަކެއް ވެފައިވާތީ އެމީހުން އިހްތިޖާޖުކޮށް، އެރަށުގައި ތިބި 13 ދިވެހިން ރަހީނުކުރުމުންނެވެ. އަދި ރަށުގެ އަގުބޮޑު މުދަލަށާއި އެކޮމަޑޭޝަން ބްލޮކްގެ ރޫމްތަކަށާއި އޮފީސް ބަޔަށް ވަނީ ވަރަށް ބޮޑަށް ގެއްލުންދީފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ 19 ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

މި މައްސަލައާ ގުޅިގެން އެރަށުގެ ޑިވެލޮޕަރު ސީލް މޯލްޑިވްސް ބުނީ، ބޮޑުފިނޮޅުގައި ތިބި 179 ބިދޭސީންނަކީ ރިޒް ކުންފުނިން ގެންދިޔަ މީހުން ކަމަށެވެ. ނަމަވެސް ރިޒް ކުންފުނިން ބުނަމުން އަންނަނީ އެ ރަށުގައި ތިބީ ރިޒްގެ 14 ބިދޭސީ މުވައްޒަފުން ކަމަށެވެ.

މި މައްސަލައިގައި ރިޒް އާއި ސީލް އިން އެއް ކުންފުނި އަނެއް ކުންފުންޏެއްގެ ބޮލުގައި ތުހުމަތުތައް އަޅަމުން އަންނައިރު، ރިޒް ކުންފުންޏަށް ހިއުމަން ޓްރެފިކިންގެ ބޮޑެތި ތުހުމަތުތަކެއްކޮށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ރިޒާ ފުލުހަށް ހާޒިރުކޮށްފައިވެ އެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

މި މައްސަލައިގައި ސީލް ކުންފުނިން ވަނީ ބޮޑުފިނޮޅުގައި ރިޒްގެ މުވައްޒަފުން ހިންގި ހަމަނުޖެހުންތަކުގައި ސީލްގެ މުދަލަށް ގެއްލުން ދީފައި ވާތީ ގެއްލުމުގެ ބަދަލު ހޯދުމަށާއި ރިޒްގެ މުވައްޒަފުން އެރަށުން ބޭލުމުގެ އަމުރަކަށް އެދި ބ. ތުޅާދޫ ކޯޓުގައި އެދިފަ އެވެ. އަދި އެ ކުންފުނިން އެދުނު ގޮތަށް ތުޅާދޫ ކޯޓުން ވަގުތީ އަމުރެ ވެސް ނެރެދިނެވެ.

އެކަމާ ގުޅިގެން އަމުރު ނެރުއްވި މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަތަކެއް ހުރި ކަމަށް ބުނެ ރިޒް ކުންފުނިން އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހެޅި ނަމަވެސް އެ ކޮމިޝަނުން ވަނީ އެ މައްސަލަތައް ނުބަލަން ނިންމައިފަ އެވެ.