ހައްޖުގެ މަތިވެރި އަޅުކަމާއި، އަލްހާ އީދާ ގުޅިފައިވާ މަތިވެރި ހިކުމަތްތައް ހިތްމައްޗަށް ގެނެސް އެކަކު އަނެކަކަށް މައާފުކޮށް އަހުވަންތަކަމުގެ ގުޅުން ކުރިއަށް ނެރެ، ސުލްހަޔާއި ހަމަޖެހުމަށް އިސްކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދިވެހި ރައްޔިޔުންނަށް އިލްތިމާސް ކުރައްވައިފިއެވެ.
އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ މި އަހަރުގެ އަލުހާ އީދު ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އަލުހާ އީދަކީ މުސްލިމުންގެ މެދުގައި ގުޅުން ދެމެހެއްޓުމާއި އެހީތެރިވުމާއި އެއްބާރުލުމުގެ އިތުރުން އެތައް ގުރުބާނީއެއްގެ ޒިކްރާ އާކޮށްދޭ މަތިވެރި މުނާސަބަތެއްކަމަށާއި މިއީ ގައުމެއްގެ ނިސްބަތުން ބަލާއިރު މިއަދުގެ ހާލަތުގައި ވަކިން ހާއްސަގޮތެއްގައި ސަމާލުކަން ދޭންވީ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ވެސް މިއީ މުޖުތަމައުގެ ހަމަޖެހުމާއި ސުލްހަވެރިކަން ދެމެހެއްޓުމުގެ މުހިންމުކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އީދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ފާހަގަކުރައްވާފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަލުހާ އީދު ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ރައްޔިތުންނަށް، އިހުލާސްތެރިކަމާ އެކު ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވައިފައެވެ. އެމަނިކުފާނުގެ ހިތޯބުގައި މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވާ އެންމެހައި މުސްލިމުންނަށް މަބްރޫރު ހައްޖެއް މިންވަރުކުރެއްވުން އެދި ދުއާ ދަންނަވާފައި ވެއެވެ.
އެމަނިކުފާނުގެ ހިތާބުގައި މިއަހަރުގެ އަލުހާ އީދު ދުވަސް މި ބައްދަލުކުރީ މިހާރު ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް 19ގެ ސަބަބުން މުޅި އިންސާނިއްޔަތު ވަރަށް ހިތްދަތި ތަޖުރިބާތަކެއް ކުރަންޖެހިފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވައިފައި ވެއެވެ. އެކަމުގެ ސަބަބުން މުސްލިމުންގެ އަޅުކަންތަކަށްވެސް ބުރޫއަރައި އިސްލާމީ އުންމަތްވެސް ތަހައްމަލް ކުރަމުން މިދަނީ، ވަރަށް ހިތްދަތި ދުވަސްތަކެއް ކަމަށާއި ނަމަވެސް މިފަދަ ދުވަސްވަރެއްގައި އުފާވެރި އީދަކާ ބައްދަލުވުމީ ކޮވިޑް 19ގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކޮށް އާލާކުރުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމުގައިވެސް އެމަނިކުފާނުގެ ހިތާބުގައި ފާހަގަކުރައްވާފައި ވެއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވަނީ ދިރިއުޅުމުގެ އާންމު އާދަކާދަތަކާ މުޅިން ހިލާފަށް އުޅެން ޖެހިފައި ވިޔަސް އާއިލާގެ މީހުންގެ ހާލުއަހުވާލު އޮޅުންފިލުވައި އީދުގެ ތަހުނިޔާ ބަދަލުކުރުމަށް މިފަދަ މުނާސަބަތެއްގައި ހާއްސަ ސަމާލުކަމެއް ދިނުމަކީ ނުހަނު ބޭނުންތެރި ކަމެއްކަން ފާހަގަކުރައްވައިފައެވެ. ވަކީން ހާއްސަ ގޮތެއްގައި އާއިލާގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނާއެކު ފޯނުގެ ޒަރީއާއިން ވިޔަސް ވަގުތުކޮޅެއް ހޭދަކޮށްލައި އެމީހުންގެ ޝުއޫރުތަކާއި އިހުސާސްތައް އަޑުއަހައިލުމަކީ މިފަދަ އުފާވެރި ދުވަހެއްގައި އާއިލީ ގުޅުންތައް ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެއްކަމުގަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބު ނިންމަވައިލައްވަމުން އެމަނިކުފާނު ވަނީ ކޮވިޑް 19 ގެ ސަބަބުން މިހާރު ތަޖުރިބާކުރަންޖެހިފައި މިވާ އިގުތިސާދީ އަދި އިޖުތިމާއީ ދަތިކަމުން އަވަހަށް ސަލާމަތްވެ ދިރިއުޅުމުގެ އާންމު ހާލަތަށް އެނބުރި ދިއުމަށްޓަކައި ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އެންމެން އެކުގައި މަސައްކަތްކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ގޮވައިލައްވައިފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު