ހައްޖު ދަތުރު

އެއްވެސް ހައްޖާޖީއަކު ކޮވިޑަށް ޕޮޒިޓިވެއް ނުވޭ: ސައުދީ

މުހައްމަދު އައުޒަމް

އެއްވެސް ހައްޖާޖީއަކު ކޮވިޑަށް ޕޮޒިޓިވް ނުވާ ކަމަށް ސައުދީ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ސައުދީ ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މިހާތަނަށް އެއްވެސް ހައްޖާޖީއެއްގެ ގައިން ކޮވިޑްގެ އަލާމާތެއް ފެނިފައި ނުވާކަމަށާއި ކޮވިޑް ޓެސްޓުން އެއްވެސް ހައްޖާޖީއަކު އަދި މިހާތަނަށް ޕޮޒިޓިވް ނުވާ ކަމަށެވެ.

ހެލްތު މިނިސްޓްރީގެ ބަޔާނުގައި ވަނީ ހައްޖާޖީންގެ ސިއްހީ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ގަޑިން ގަޑިއަށް ހަދަން ޖެހޭ ޗެކަޕްތައްވެސް ހަދަމުން އަންނަ ކަމަށެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ވަނީ ކޮވިޑާ ގުޅިގެން ހައްޖާޖީންގެ އަދަދު ބޮޑުތަނުން މަދުކޮށް ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކު ފަށައިފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން، މިއަހަރު ހައްޖު ވުމަށް ބޭރު ގައުމުތަކުން ސައުދީއަށް މީހުން އެތެރެވުމުގެ ހުއްދަ ނުދޭން ސައުދީ ސަރުކާރުން ވަނީ ނިންމައިފަ އެވެ. ހައްޖު ވުމުގެ ހުއްދަ ދީފައި ވަނީ ސައުދީގައި ތިބި އެގައުމުގެ ރައްޔިތުންނަށާއި ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށެވެ.