މި އަހަރު ރާއްޖެއިން ހައްޖަށް ދިޔަ މީހުން އަންނަ ހުކުރު ދުވަހު އަނބުރާ އަންނަން ފެށުމާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ބާރުބޮޑުވާނެތީ، އެ ދުވަސްތަކުގައި އެއާޕޯޓަށް ދާ މީހުން ފެރީ އާއި ބަހުގެ ހިދުމަތް ބޭނުންކުރަން އިލްތިމާސްކޮށްފިއެވެ.

ހައްޖުވެރިން އެނބުރި ރާއްޖެ އަންނާނީ އަންނަ ހުކުރު ދުވަހާއި އާދިއްތަ ދުވަހާއި ހޯމަ ދުވަހު އަދި އަންގާރަ ދުވަހުގެ ފްލައިޓްތަކުންނެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލުން މިއަދު ބުނީ މި އަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ފަހު ހައްޖުވެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ދަތުރުވެރިންނާއި ހައްޖުވެރިން ބަލައި ގިނަ އަދަދެއްގެ ބަޔަކު އެއާޕޯޓަށް ދާނެ ކަމަށް ބެލެވޭތީ، ދަތުރުވެރިން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދޭ ކަމަށެވެ.

"މިކަމުގެ ސަަބަބުން އެއާޕޯޓް ޓްރެފްފިކް އަދި ޕާކިންއަށް ބާރުބޮޑުވާނެ ކަމަށް ލަފާކުރެވޭތީ، މި ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއާޕޯޓް ބަސް ބޭނުންކުރެއްވުމަށް އިލްތިމާސްކުރަމެވެ،" އެމްއޭސީއެލުން ބުންޏެވެ.

ރާއްޖެއިން މިއަހަރުގެ ހައްޖުގެ އަޅުކަމުގައި 1،019 މީހުން ބައިވެރިވެއެވެ.