1.7 މިލިއަނަށްވުރެ ގިނަ މީހުންނާއެކު މިއަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން، އެއްވެސް ދަތިކަމެއް ނެތި ނިންމާލައިފައިވާކަމަށް ސައުދީ އަރަބިއްޔާއިން ބުނެފިއެވެ.
މައްކާ ސަރަހައްދުގެ ޑެޕިއުޓީ އަމީރު ޕްރިންސް ސައުދު ބިން މިޝްއާލް ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ހުރިހާ އިންތިޒާމުތަކެއް ފުރިހަމައަށް ރޭވި، ބޭނުންވާ އެހީތެރިކަން ހައްޖާޖީންނަށް އެންމެ މަތީ ފަންތީގައި ފޯރުކޮށްދެވުނު ކަމަށެވެ. މިއީ ސައޫދީ ލީޑަޝިޕުން ހައްޖާޖީންގެ ސަލާމަތާއި ފަސޭހައަށް ދިން ހާއްސަ އިސްކަމުގެ ނަތީޖާކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހައްޖުވެރިން އަޅުކަން އަދާކުރީ އަމާންކަމާއި ސުލްހަވެރިކަމާއެކު ކަމަށެވެ. އަދި މި ކާމިޔާބީއަކީ މަސައްކަތުގެ ނިމުން ނޫން ކަމަށާއި، މިއީ އަންނަ އަހަރަށް ތައްޔާރުވުމަށް ލިބުނު އާ ހިތްވަރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސައޫދީ އަރަބިއްޔާގެ ރަސްމީ ހިސާބުތަކަށް ބަލާއިރު، މިއަހަރު ހައްޖަށް ދިޔަ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 2.04 ޕަސަންޓް އިތުރުވެފައެވެ.
މިއަހަރުގެ ހައްޖުގެ ބައެއް ތަފާސްހިސާބުތައް:
- ޖުމްލަ ހައްޖާޖީން: 1,707,301 (165 ގައުމަކުން)
- ޖިންސުގެ ނިސްބަތް: 893,396 ފިރިހެނުން އަދި 813,905 އަންހެނުން.
- ބޭރުން އައި މީހުން: 1,546,655 ހައްޖާޖީން
- ސައޫދީގެ ވަޒަންވެރިން: 160,646 މީހުން.
މިއަހަރުގެ ހައްޖު މޫސުމަކީ އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވުމުން، ހައްޖާޖީންގެ ސަލާމަތަށް ސައޫދީ ސަރުކާރުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން 50 ޑިގްރީއަށްވުރެ މައްޗަށް ހޫނުމިން ދިޔަ ވަގުތުތަކުގައި ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެތައް ހާސް މުވައްޒަފުންނެއް ހަރަކާތްތެރިވިއެވެ.
ސައޫދީ ރެޑް ކްރެސެންޓުން ބުނެފައިވާ ގޮތުގައި ހައްޖުގެ ދުވަސްތަކުގައި 83,000 އަށްވުރެ ގިނަ މީހުންނަށް ކުއްލި ސިއްހީ ހިދުމަތް ވަނީ ދީފައެވެ.
މުހައްމަދު އިޝާން
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ