ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަނުގެ ދަށުން އިއްޔެ ބަންދު ކުރި 27 ތަނުގެ ތެރެއިން އެއް ތަން ފިޔަވައި ބާކީ ހުރި ތަންތަން ހުޅުވަން ހުއްދަ ދީފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެޗްޕީއޭއިން ހަދައިފައިވާ މިންގަނޑަށް ނުފެތޭ ތަންތަން ދެނެގަތަމުގެ ގޮތުން ކުރިއަށްގެންދާ އިންސްޕެކްޝަންގެ ދަށުން އިއްޔެ އާއި މިއަދު ޖުމްލަ 77 ތަން ބަންދުކޮށްފައިވާ ކަމަށެވެ.

ނަޒްލާ ވިދާޅުވީ ބަންދުކުރި ތަންތަނުގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސެލޫންތައް ހިމެނޭ ކަމަށާއި އޭގެ ތެރެއިން ރީ އިންސްޕެކްޝަން ކުރުމަށް ފަހު 26 ތަނެއް އަލުން ހުޅުވުމަށް ހުއްދަ ދެވިފައިވާނެ ކަމަށެވެ.

"އިއްޔެ ބަންދުުކުރި 27 ތަނުގެ ތެރެއިން އަލުން އިންސްޕެކްޓް ކުރުމަށް ފަހު 26 ތަނެއް މިހާރު ހުޅުވަން ހުއްދަ ދީފައިވާނީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިއަދުގެ އިންސްޕެކްޝަންގައި 99 ތަނެއް އިންސްޕެކްޓްކޮށްފައިވާ ކަމަށެވެ. އެއީ ކާބޯތަކެތީގެ ހިދުމަތްދޭ 44 ތަނަކާއި 49 ފިހާރައެއްގެ އިތުރުން ފަސް ސެލޫނެކެވެ. އޭގެ ތެރެއިން 50 ތަނެއް ބަންދުކޮށްފައިވާ އިރު، ބަންދުކޮށްފައިވަނީ ހަތަރު ސެލޫންއާއި ކާބޯތަކެތީގެ ހިދުމަތްދޭ 22 ތަނެއްގެ އިތުރުން 24 ފިހާރަ ކަމަށް ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މާދަމާވެސް އިންސްޕެކްޝަންގެ ކުރިއަށްދާނެ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައިވެސް މިކަންކަން ރަނގަޅަށް މޮނީޓާ ކުރެވިގެންދާނެ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވަން ހުއްދަދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތު ކުރުމަށްފަހުއެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކަށް އަމަލެއް ނުކުރެއެވެ.