މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ބަލާއިރު ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭ މިންވަރު ދެގުނަ އިތުރުވެދާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ޝީނާ ވިދާޅުވީ، އުމުރުން ދުވަސްވީ މީހުންނަށް ބަލި ޖެހޭ ނިސްބަތް އިތުރުވަމުންދާ ކަމަށެވެ. އަދި އެއާއެކު ބަލި ޖެހުމުގެ ފުރުސަތު ބޮޑު ގިންތިތަކުގެ މީހުންނަށްވެސް ބައްޔަށް ޕޮޒިޓިވްވާ މިންވަރު އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދުވެސް އިތުރުވަމުންދާ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.
"ހޮސްޕިޓަލުގައި މީހުން އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ ނިތްބަތްވެސް އެދަނީ މަތިވަމުން،" ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ވިދާޅުވީ، މިހާރު ފެންނަ ކޭސްތަކަށް ރިއާޔަތްކޮށް ހެދި ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި، ހޮސްޕިޓަލުގައި ފަރުވާދޭން މީހުންގެ އަދަދުވެސް ދެގުނައަށް އިތުރުވެދާނެ ކަމަށެވެ.
"ކުރިއާ އަޅާ ބަލާއިރު ހޮސްޕިޓަލް އެޑްމިޝަންސް، މިހާރު ބަލާނަމަ ދެމީހަކު ނުވަތަ ތިން މީހަކު ހޮސްޕިޓަލްގައި އެޑްމިޓް ކުރެވިގެން މިދަނީ. ނަމަވެސް ކުރިއަށް ލަފާކުރެވޭ ގޮތުގައި އެ އަދަދު ދެގުނަ ނުވަތަ ތިންގުނަ އިތުރުވެގެން ދާނެ އެޑްމިޓް ކުރަން ޖެހޭ މިންވަރު،" ޑރ. ޝީނާ ވިދާޅުވިއެވެ.
ކުރިން ލަފާކޮށްފައި އޮތީ އަންނަ މަހުގެ ތެރޭގައި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވެން ފެށޭނެ ކަމަށެވެ. ނަމަވެސް މިހާރުގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި އަންނަ މަހުވެސް އަދި ސެޕްޓެމްބަރު މަހުގައިވެސް ގިނަ ބަޔަކަށް ބަލި ޖެހި ގިނަ އަދަދެއްގެ ބަޔަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހޭނެއެވެ.