Close Election
Close
ކުއްލި ޚަބަރު

އަންނަ މަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ބެލެވޭ: ޑރ. ޝީނާ

އަލީ ޔާމިން

އަންނަ މަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 170 މީހުންނަށް ކޮވިޑް ބަލި ޖެހޭނެ ކަމަށް ބެލެވޭ ކަމަށް ޑރ. ޝީނާ މޫސާ ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ ވިދާޅުވީ، މިހާރު ކޭސްތައް ޕްރިޓިވްވަމުންދަނީ ކުރިން އަންދާޒާކުރި ގޮތާ ހިލާފަށް ކަމަށެވެ. އެގޮތުން ކުރިން ލަފާކޮށްފައި އޮތީ އޮގަސްޓް އަދި ސެޕްޓެމްބަރު މަހުގެ ތެރޭގައި ބަލި ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް ކަމުގައި އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރުގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު އަންނަ މަހުގެ ތެރޭގައި ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވެދާނެ ކަމަށް ބެލެވޭ ކަމަށް ޑރ. ޝީނާ ވިދާޅުވިއެވެ.

އެގޮތުން އަންނަ މަހުގެ ތެރޭގައި އެވްރެޖުކޮށް ކޮންމެ ދުވަހަކު 170 މީހުންނަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި މުޅި މަހަށް ބަލާއިރު ގާތްގަނޑަކަށް 2373 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައެއް ދުވަސް ދުވަހު މި އަދަދަކަށް ވުރެ ދަށްވެސް ވެދާނެ، އިތުރުވެސް ވެދާނެ ކޭސްތައް،" ޑރ. ޝީނާ ވިދާޅުވިއެވެ.

އަންނަ މަހުގެ ތެރޭގައި ބަލި ޖެހޭ މީހުންގެ ތެރެއިން 475 މީހަކަށް ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ސެޕްޓެމްބަރު މަހުވެސް ކޮވިޑްގެ ހާލަތު ރަނގަޅުވާނެ ކަމަށް ނުބެލެވެއެވެ. ޑރ. ޝީނާގެ ޕްރޮޖެކްޝަން ދައްކާގޮތުން ސެޕްޓެމްބަރު މަހުވެސް ދުވާލަކު 105 މީހަކަށް ބަލި ޖެހޭނެއެވެ. މުޅި މަހު 1464 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު 293 މީހަކަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އޮކްޓޫބަރު މަހުގެ ތެރޭގައި 945 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާ އިރު، ދުވާލަކު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 68 މީހަކަށެވެ. އަދި 189 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ޑރ. ޝީނާގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި ކޮވިޑްގެ ހާލަތު ނޮވެންބަރު އަދި ޑިސެންބަރު މަހު ދަށައްދާނެ ކަމަށް ބެލެވެއެވެ. އެގޮތުން ނޮވެންބަރު މަހުގެ ތެރޭގައި ދުވާލަކު 29 މީހަކަށް ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު މުޅި މަހު ބަލި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 409 މީހެކެވެ. އަދި ޑިސެންބަރު މަހުގެ ތެރޭގައި 254 މީހަކަށް ބަލި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ލޮކްޑައުނަށް ދިން ލުއިތަކާއެކު މަޑުމަޑުން ކޭސްތައް އިތުރުވަމުން އައިސް މި ދެތިން ދުވަހު ވަނީ ރެކޯޑް މިންވަރަކަށް ކޭސްތަކުގެ އަދަދު އިތުރުވެފައެވެ. އެގޮތުން މިއަދު އެކަނިވެސް 152 މީހަކު ޕޮޒިޓިވްވެފައިވެއެވެ.