ކުއްލި ޚަބަރު

އިންސްޕެކްޝަނުގައި މިއަދު 50 ތަނެއް ބަންދުކޮށްފި

އަލީ އަފާފު ރަމީޒު

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކަށް އަމަލުކުރޭތޯ ބެލުމަށް ކުރިއަށްގެންދާ އިންސްޕެކްޝަނުގައި މިއަދު 50 ތަނެއް ބަންދުކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެޗްޕީއޭ އިން ހަދައިފައިވާ މިންގަނޑަށް ނުފެތޭ ތަންތަން ދެނެގަތަމުގެ ގޮތުން ކުރިއަށް ގެންދާ އިންސްޕެކްޝަންގެ ދަށުން އިއްޔެ އާއި މިއަދު ޖުމްލަ 77 ތަން ބަންދުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ސެލޫންތައް ހިމެނޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު 99 ތަނެއް އިންސްޕެކްޓްކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ 44 ތަނަކާއި 49 ފިހާރައެއްގެ އިތުރުން ފަސް ސެލޫނެއް ހިމެނޭ ކަމަށެވެ. އެގޮތުން 50 ތަނެއް މިއަދު ބަންދުކޮށްފައިވާ ކަމަށާއި އެއީ ހަތަރު ސެލޫނާއި ކާބޯތަކެތީގެ ހިދުމަތްދޭ 22 ތަނަކާއި 24 ފިހާރައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ތަންތަނުގެ ތެރެއިން ޖުމްލަ 50 ތަނެއް މިހާރު ވަނީ ބަންދު ކުރެވިފަ، އެއީ ހަތަރު ސެލޫން، 24 ފިހާރަ، ކާބޯތަކެތީގެ ތެރެއިން 24 ތަނެއް،" ނަޒްލާ ވިދާޅުވިއެވެ.

އިންސްޕެކްޓްކުރުމަށް ފަހު އިއްޔެ ބަންދު ކުރި ތަންތަނުގެ ތެރެއިން 26 ތަނެއް އަލުން ހުޅުވުމަށް ހުއްދަ ދެވިފައިވާ ކަމަށާއި އެއް ފަރާތަކުން ވަގުތު ބޭނުންވާ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި އިންސްޕެކްޓް ކުރުމަށްފަހު އަލުން ހުޅުވުމަށް ފުރުސަތު ދޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެއްވެސް ވިޔަފާރިއެއް ހުއްޓިފައި އޮންނަން ބޭނުން ނުވާ ކަމަށާއި އެހެންކަމުން ކުރިން ފުރުސަތުދީ ނަސޭހަތް ދިނަސް ކުރިއަށް އޮތްތަނުގައި ވަގުތުން ފިޔަވަޅު އަޅާނެ ކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މާދަމާވެސް އިންސްޕެކްޝަން ކުރިއަށްދާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް މާލެ ސަރަހައްދުގައި އިސްޕެކްޝަންތައް ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް 19ގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ހޮޓާތަކާއި ސެލޫން އަދި ޖިމް ފަދަ ތަންތަން ބަންދުކޮށްފައި ބޭއްވުމަށް ފަހު އަލުން ހުޅުވަން ހުއްދަދީފައި ވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެތަންތަަން ހުޅުވުމުގެ ހުއްދަ ދީފައިވަނީ ވަކި އުސޫލުތަކަކަށް އަމަލު ކުރަން ޝަރުތުު ކުރުމަށްފަހުއެވެ. ނަމަވެސް ބައެއް ތަންތަނުން އެ އުސޫލުތަކަށް އަމަލެއް ނުކުރެއެވެ.