ހއ. ކެލާއިން އިތުރު ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ހއ. ކެލާއަށް ދަތުރުކުރި ސަވާރީ ބޯޓުން އިއްޔެ މީހަކު ޕޮޒިޓިވްވުމާ ގުޅިގެން އެ ބޯޓުން ދަތުރުކުރި އެންމެންގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެގޮތުން މިއަދު އިތުރު ނުވަ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށެވެ.
"އަތޮޅު ތެރެއިން ދިހަ ފަރާތެއް ވަނީ ޕޮޒިޓިވްވެފައި. ރޭ 6:00ގެ ފަހުން ބ. ކަމަދޫން ކަރަންޓީނުގައި ހުރުމަށްފަހު ދޫކޮށްލުމަށް ސާމްޕަލް ނެގި ފަރާތެއް ވަނީ ޕޮޒިޓިވްވެފައި. އަދި މީގެ އިތުރުން އިއްޔެ ހއ. ކެލާއިން ފެނުނު ކޭސްއާ ގުޅިގެން ޓެސްޓުކުރެވުނު ނުވަ ފަރާތެއް، އެއީ ސަވާރީ ބޯޓުގައި ތިބި ނުވަ ފަރާތެއް ވަނީ މިއަދު ޕޮޒިޓިވްވެފައި،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އެ ބޯޓު ކެލާއަށް ގޮސްފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށާއި އެ ބޯޓުން ފުރަތަމަ ޕޮޒިޓިވްވީ އެ ބޯޓުގެ ކެޕްޓަން ކަމަށެވެ. އަދި މާލެއިން ފުރި އިރުވެސް ބަލީގެ އަލާމާތްތައް ހުރި ކަމަށް ކެޕްޓަން މައުލޫމާތުދީފައިވާ ކަމަށާއި ނަމަވެސް ސާމްޕަލް ނެގިފައިވަނީ އޭނާ އަތޮޅުތެރެއަށް ދިއުމަށްފަހު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ސަވާރީ ބޯޓުގެ އިތުރުން ހއ. ކެލާ އާއި ހއ. ދިއްދޫ އާއި ހއ. ވަށަފަރު އަދި ހދ. ނޮޅިވަރަމް ވެސް މިވަގުތު އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު