މިދިޔަ 24 ގަޑިއިރު ތެރޭ 152 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3719 އަށް އަރައިފިއެވެ.

މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ވެސް ގިނައީ ދިވެހިންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 89 ދިވެއްސަކާއި ބަންގުލަދޭޝްގެ 54 މީހަކާއި އިންޑިއާގެ ފަސް މީހަކާއި ސްރީލަންކާގެ ހަތަރު މީހުން ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 14 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2568 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 1120 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 77 މީހުންނެވެ. އާދީއްތަ ދުވަހު ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ. ހޯމަ ދުވަހު 67 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އަންގާރަ ދުވަހު 137 މީހުން ޕޮޒިޓިވްވިއެވެ. އަދި އިއްޔެ 61 މީހަކު ޕޮޒިޓިވްވިއެވެ. ފާއިތުވެދިޔަ ހަތް ދުވަހު ޖުމުލަ 599 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 657 މީހަކު އެބަ ތިއްބެވެ. އަދި ހޮސްޕިޓަލުތަކުގައި 59 މީހަކު އެބަ ތިއްބެވެ.

މިމަހުގެ ތެރޭގައި ބައެއް ރަށްރަށުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް މީހުން ފެނިފައެވެ. އޭގެ ތެރޭގައި މާލެއިން ގޮސް ރަށްރަށުގައި ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުން އަންނަ މީހުން ހިމެނެއެވެ. މިމަހުގެ ތެރޭގައި ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ކެލާ، ސޮނޭވާ ޖާނީ ރިސޯޓު، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ކަމަދޫ، ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ އަދި ކ. މާފުއްޓެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 16 މީހަކު ވަނީ މަރުވެފައެވެ. އެއީ 11 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ދިހަ ދިވެއްސަކު ހިމެނެއެވެ.