މި އީދަކީވެސް ތިމާގެކަމުގެ ގުޅުންތައް ބަދަހިކޮށް، އިޖުތިމާއީ ބަދަހިކަން ދިރުވައި އާލާވެގެންދާނެ އީދެއް ކަމުގައި ހެދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފިއެވެ.

މިއަހަރުގެ އަޟްހާ އީދު ދުވަހަކީ މާދަމާއެވެ. އީދު ދުވަހުގެ މުނާސަބަތުގައި ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބަރަކާތްތެރި އަޟްހާ އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަރިސްކުރާ ކަމަށެވެ. އަދި މި އީދަކީވެސް ތިމާގެކަމުގެ ގުޅުންތައް ބަދަހިކޮށް، އިޖުތިމާއީ ބަދަހިކަން ދިރުވައި އާލާވެގެންދާނެ އީދެއް ކަމުގައި ލެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެން އަހަރުތަކެކޭ ހިލާފަށް މިއަހަރު ބޮޑު އީދު ދުވަސް ދިމާވެފައިމިވަނީ ކޮވިޑް ބަލީގައި މުޅި ގައުމު ތަހައްމަލު ކުރަމުންދާ ދުވަސްވަރަކަށެވެ. އެހެންކަމުން ކަމާބެހޭ އިދާރާތަކުން ވަނީ މިފަހަރުގެ އީދު ކުލަ ގަދަކޮށް ފާހަގަނުކުރުމަށާއި ހާއްސަކޮށް މާލެ ސަރަހައްދުގައި ގިނަ ބަޔަކު އެއްވެ ކުޅިވަރުތައް ނުކުޅުމަށް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެހެން އަހަރުތަކުގައި ކުރާ ގޮތަށް ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުންވެސް މާލެ ސަރަހައްދުގައި ނޯންނާނެއެވެ. މިފަހަރު އީދު ނަމާދު ކުރުން އޮތީ ހުކުރު ކުރާ މިސްކިތްތަކުގައި އެކަންޏެވެ.

ފިިތުރު އީދުވެސް ފާހަގަކުރެވިގެން ދިޔައީ މިކަހަލަ ގޮތަކަށެވެ. ކުޑައީދު އައިއިރު ޖަމާއަތުގައި ނަމާދުކުރުން މަނާކޮށްފައި އޮތުމުން އީދު ނަމާދު ވެސް ކުރަން ޖެހިފައިވަނީ ގޭގައި ތިބެގެންނެވެ.

މާލެ ސަރަހައްދުގައި އީދު ކުޅިވަރުތަކާއި އީދު ހަރަކާތްތައް ނުބޭއްވި ނަމަވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި އީދު ކުޅިވަރުތައް ކުޅުމަށް ރޭވިފައިވެއެވެ. އީދުގެ ކުޅިވަރުތައް ބައެއް ރަށްރަށުގައި މިރޭ ފަށާނެއެވެ.