އާންމުންގެ މެދުގައި ކޮވިޑް-19ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ހެލްތު މިނިސްޓްރީން އެދެފި އެވެ.

ހެލްތު މިނިސްޓްރީން ބުނީ، އެންޓިބޮޑީ ޓެސްޓަކީ ކޮވިޑުގެ ސަވެއިލަންސް އެންޑް ރެސްޕޯންސްގެ ދަށުން މިވަގުތު ހަދަން ކަނޑައަޅާފައިވާ ޓެސްޓެއް ނޫން ކަމަށެވެ. ނަމަވެސް މިދުވަސްވަރު ބައެއް އަމިއްލަ ފަރާތްތަކުންނާއި ކުންފުނިތަކުން އެ ޓެސްޓު އަމިއްލަޔަށް ހަދައި، އެ ޓެސްޓުގެ ނަތީޖާގެ މައްޗަށް ބަލައި ފިޔަވަޅު އަޅަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ސާކިއުލާގައި ވެއެވެ.

މިނިސްޓްރީން ބުނީ، ކޮވިޑް ކޮންޓްރޯލުކޮށް ބެލެހެއްޓުމުގެ ނިޒާމުން ބޭރުން އެންޓިބޮޑީ ފަދަ ޓެސްޓެއް ހެދުމުން އެ ޓެސްޓު ހަދާ ފަރާތްތަކަށް އޮޅުންތައް އަރާނެ ކަމަށެވެ.

"(އެންޓިބޮޑީ ފަދަ ޓެސްޓެއް ހެދުމަކީ) ކޮވިޑް-19 އިން ރައްކާތެރިކުރުމަށާއި ބަލިޖެހޭ ފަރާތްތަކާއި އެމީހުންގެ ކޮންޓެކްޓުން އެކަހެރިކޮށް ބަލި ކޮންޓްރޯލްކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތަށް ބުރޫ އަރައި ދަތިތަކަކާ ކުރިމަތިވާނެ ކަމަކަށްވާތީ، އާންމުންގެ މެދުގައި ކޮވިޑް-19ގެ އެންޓިބޮޑީ ޓެސްޓު އެއްވެސް ފަރާތަކުން ނުހެދުމަށް ދަންނަވަމެވެ،" ހެލްތު މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވެ އެވެ.

މިނިސްޓްރީން ބުނީ، އެންޓިބޮޑީ ޓެސްޓު ހަދަން ޖެހިއްޖެ ހާލަތެއްގައި ހުއްދަ ދެވޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހަމަޖައްސާ އުސޫލެއްގެ މަތިން ކަމަށެވެ. ރިސާޗް ބޭނުމަށް އެފަދަ ޓެސްޓު ހަދާނަމަ އެ މިނިސްޓްރީގެ ނެޝަނަލް ހެލްތު ރިސާޗް ކައުންސިލަށް ހުށަހަޅައިގެން ކުރިޔަށް ގެންދިއުމަށް އެދިފައިވެ އެވެ.

ރާއްޖޭގައި މީހެއްގެ ގައިގައި ކޮވިޑް-19 އިންފެކްޝަން ހުރިތޯ ޔަގީން ކުރުމަށް ހަދަނީ ޕީސީއާރު ޓެސްޓެވެ. އެ ޓެސްޓު ހަދަނީ ކަރު ބުޑުންނާއި ނޭފަތުން ސާމްޕަލް ނަގައިގެންނެވެ.