ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރިއަށްގެންދިޔަ އިންސްޕެކްޝަންތަކަށް ފަހު މާލޭގެ 27 ތަނެއް ބަންދުކޮށްފައިވާ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ވަނީ ކެފޭތަކާއި ޖިމްތަކާއި ސެލޫންތައް ފަދަ ތަންތަން އިންސްޕެކްޓު ކުރުމުގެ މަސައްކަތްކޮށްފައެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ މީގެ ކުރިން ހިންގި އިންސްޕެކްޝަނުގައި މާލޭގެ ފިހާރަތާކާއި ސެލޫން އަދި ކެފޭ ފަދަ ހުރިހާ ތަނަކަށް ގޮސް ކޮވިޑުގެ އުސޫލުތަކާ އެއްގޮތަށް ހުރިތޯ ބަލައި، އުސޫލުތަކަށް ނުފެތޭ ކަންކަން ކިޔައިދީފައިވާނެ ކަމަށެވެ.
"ދެވަނަ އިންސްޕެކްޝަނެއް މިއަދު މި ފެށީ. މި ޕްރޮގްރާމަށް އައުމާ ހިސާބަށް 52 ތަނެއް އިންސްޕެކްޓް ކުރެވުނު. އޭގެ ތެރެއިން 27 ތަނެއް ބަންދުކުރަން ޖެހުނު. 27 ތަނަކުން އުސޫލުތަކަށް ތަބާނުވޭ،" މިނިސްޓަރު އަމީން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކުރިން އެތަންތަން ރަނގަޅު ކުރުމަށް ކުރަންޖެހޭ ކަންކަން ކިޔައިދީފާވާނެ ކަމަށާއި ނަމަވެސް މިއަދު ހާލަތަށް ނުފެތޭ ތަންތަން ވަގުތުން ބަންދުކޮށްފައިވާނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ މިއަދު ބަންދުކުރި 27 ތަނުގެ ތެރޭގައި ހިމެނެނީ އެއް ސެލޫނާއި ނުވަ ފިހާރައަކާއި 17 ކެފޭ އަދި ރެސްޓޯރެންޓެއް ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ މިފަދަ ކަންކަން އިސްލާހު ނުވާނަމަ ކޮވިޑްގެ ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމަށެވެ. ކޮވިޑަކީ ނުރައްކާތެރި އަދި ފަރުވާއެއް ނެތް ބައްޔެއް ކަމަށާއި މިފަދަ ކަންކަން ދިމާވާނަމަ މި ބަލިން ސަލާމަތްވާން އުނދަގޫވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު