ރާއްޖޭގެ ބޯޑަރު ބަންދުކޮށް ލޮކްޑައުން ކުރުމަކީ މިވަގުތު ގެންގުޅޭ ވިސްނުމެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ބޯޑަރުތައް ހުޅުވައިލީ ގައުމު އަލުން ލޮކްޑައުންކުރުމުގެ ވިސްނުމަށް ދާން ބޭނުން ނުވާތީ ކަމަށާއި ލޮކްޑައުނަށް ލުއި ދިނީ އެ ވިސްނުމަށް އަލުން ދާން ބޭނުންނުވެގެން ކަމަށެވެ. އުސޫލުތަކަށް ބަދަލު ގެނެސް އާ އުސޫލުތަކެއް ލިޔަމުން އަންނަނީ އެފަދަ ހާލަތަކަށް ނުދާންވެގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް އުސޫލުތަކާ އެއްގޮތަށް އަމަލު ނުކުރެވޭނަމަ މި ބަލި ކޮންޓްރޯލް ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިވަގުތު އަޅުގަނޑުމެންގެ އަމާޒެއް ނޫން ލޮކްޑައުންއަށް ދިއުމަކީ. އަޅުގަނޑުމެން އަމާޒެއް ނޫން ބޯޑަރުތައް ބަންދު ކުރުމަކީ. އަޅުގަނޑުމެންގެ އަމާޒެއް ނޫން ވިޔަފާރިތައް ބަންދުވެފައި އޮތުމަކީ. މި ވިޔަފާރިތަކާއެކީގައި ބޯޑަރުތައްވެސް ހުޅުވި މީހުންނަށް އާންމު ހާލަތަކަށް ތިބެވޭނެ ހިސާބަކަށް ދިއުން އަމާޒަކީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ ވިޔަފާރިތައްވެސް ހުޅުވި، ބޯޑަރުތައްވެސް ހުޅުވި މީހުންނަށް އާންމު ހާލަތަކަށް ތިބެވޭނެ ހިސާބަކަށް ގެންދިއުން ކަމަށެވެ. އެކަމަށްޓަކައި ހުރިހާ އުސޫލުތަކާއި އެސްއޯޕީތައްވެސް ހަދާފައިވާ ކަމަށާއި އެހެންކަމުން ފަރުދީ ޒިންމާ އަދާކުރެއްވިޖެނަމަ އިތުރަށް ލޮކްޑައުންއަކަށް ދާން ނުޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެހެންނަމަވެސް ބަލި ކޮންޓްރޯލް ނުކުރެވި، ބަލި އިންތިހާއަށް ފެތުރިގެންދާ ހާލަތެއްގައި އެހެން ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށެވެ. އަދި ހަމައެކަނި ލޮކްޑައުން ކުރުމަކީ ހައްލެއް ނޫން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެކިއެކި ފިޔަވަޅުތައް ހިމެނޭ ކަމަށާއި އެގޮތުން މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމާއި އެއްތަނަށް އަނެއްތަނަށް އެއްވާ މީހުން މަދު ކުރުމާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނުކުތުމާއި ކޮންޓެކްޓްވާ މީހުން ދެނެގަނެވުން ވަރަށް މުހިންމު ކަމަށެވެ. އެގޮތުގައި ތިބޭނަމަ ލޮކްޑައުންއަކަށް ދާން ނުޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު