ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު ހަތް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު ހަތް މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2554 އަށް އަރާފައިވާ ކަމަށެވެ.
އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 61 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ 15 މީހަކާއި އިންޑިއާގެ ދެ މީހެކެވެ.
މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ޖުމްލަ 3567 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 983 މީހަކެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 77 މީހުންނެވެ. އާދީއްތަ ދުވަހު ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އަދި ހޯމަ ދުވަހު 67 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވީ 137 މީހުންނެވެ. ފާއިތުވެދިޔަ ހަ ދުވަހު ޖުމުލަ 447 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު