މިދިޔަ 24 ގަޑިއިރު ތެރޭ 61 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3567 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 44 ދިވެއްސަކާއި ބަންގުލަދޭޝްގެ 15 މީހަކާއި އިންޑިއާގެ ދެ މީހުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ ހަތް މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 2554 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 983 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 77 މީހުންނެވެ. އާދީއްތަ ދުވަހު ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އަދި ހޯމަ ދުވަހު 67 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ޕޮޒިޓިވްވީ 137 މީހުންނެވެ. ފާއިތުވެދިޔަ ހަ ދުވަހު ޖުމުލަ 447 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެއްވެސް މީހަކު ނެތެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 657 މީހަކު އެބަ ތިއްބެވެ.
މިމަހުގެ ތެރޭގައި ބައެއް ރަށްރަށުން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް މީހުން ފެނިފައެވެ. ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މާލެއިން ގޮސް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރަމުންދިޔަ މީހުންނެވެ. މިމަހުގެ ތެރޭގައި ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ ސޮނޭވާ ޖާނީ ރިސޯޓު، ރ. ދުވާފަރު، ރ. ހުޅުދުއްފާރު، ރ. އިނގުރައިދޫ، ބ. އޭދަފުށި، ބ. ހިތަދޫ، ސީސައިޑް ފިނޮޅު، ޅ. ކުރެންދޫ، ކ. މާފުށި އަދި އއ. ތޮއްޑޫއެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު