މަޝްވަރާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައުވަތު ދެއްވީތީ އުފާކުރައްވާ ކަމަށާއި މަޝްވަރާއަށް ޖަލަށް ދާން ޖެހުނަސް ދާން ތައްޔާރަށް ތިއްބެވި ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ، ސިޔާސީ ކަންކަމުގައި ހިޔާލު ތަފާތުވިޔަސް، ގައުމުގެ އެންމެ މަތީ މަސްލަހަތާ ގުޅޭގޮތުން އެންމެން އެއްބަސްވާން ޖެހޭ ކަންކަން ހުންނާނެ ކަމަށެވެ. ސަރުކާރާ އެކުގައި މަސައްކަތް ކުރައްވަން ފެއްޓެވުމަށް، ހުރިހާ ސިޔާސީ ބޭފުޅުންނަށް ގޮވައިލައްވާ ކަމަށާއި އެބޭފުޅުންގެ މަޝްވަރާއަށް އަބަދުވެސް މަރުހަބާ ދަންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ ގައުމުގެ ހާލަތާ ދޭތެރޭ ކަންބޮޑުވާތީވެ، ރައީސް ސޯލިހާ ބައްދަލުކުރައްވަން އެދޭތާ ވަރަށް ދުވަސް ވެއްޖެ ކަމަށެވެ. ވަކިން ހާއްސަކޮށް ގައުމުގެ މިނިވަންކަން ނިގުޅިގެންދާ މަންޒަރު ފެންނަމުންދާތީވެ ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސްއާ ބައްދަލުކުރައްވަން އެދޭތާ ތިން މަހަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށެވެ. އަދި މިނިވަން ދުވަހު މަޝްވަރާއަށް ރައީސް ސޯލިހު ދައުވަތު ދެއްވީތީ އުފާކުރާ ކަމަށާއި އެކަމަށް ތައްޔާރަށް ތިއްބެވި ކަމަށް ވެސް ވިދާޅުވިއެވެ.
"ވަރަށް އުފާކުރަން އިނގޭތޯ މިނިވަން ދުވަހު ނަމަވެސް އެމަނިކުފާނު ހިތްޕުޅަށް އެކަން އަރައިވަޑައިގެން، މަޝްވަރާއަށް ވިދާޅުވީމަ. އަޅުގަނޑުމެން މިތިބީ ތައްޔާރަށް. ދެން ރައީސް ސޯލިހު ބައެއް ބޭފުޅުން މެދުވެރިކޮށް އެބަހުރި އަޅުގަނޑުމެން މަޝްވަރާއަކަށް ދާންޖެހޭ ކަމަށްވަންޏާމު ޖަލަށޭ ދާންޖެހޭނީ. އަޅުގަނޑުމެން ތަކުރާރުކޮށް މި ދަންނަވަނީ އަޅުގަނޑުމެން މިތިބީ ޖަލަށްވެސް ދާން ތައްޔާރަށް،" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މާފުށީ ޖަލުގައި މަޝްވަރާތައް ކުރިއަށްގެންދަން ބޭނުންވާނަމަ މާފުށި ޖަލަށްވެސް ދާން ތައްޔާރަށް ތިއްބެވި ކަމަށެވެ. ގައުމަށް މި ދިމާވާ ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަޝްވަރާއަށް އިދިކޮޅު ކޯލިޝަން އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ސިޔާސީ މަޝްވަރާއަށް ގޮވައިލައްވަމުން ރައީސް ވިދާޅުވެފައިވަނީ ހުރިހާ ކަމެއް ސިޔާސީ ކޮށްފިނަމަ އެކަމުގެ ގެއްލުން ތަހައްމަލު ކުރަން ޖެހޭނީ ރައްޔިތުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު