ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު

ޣައްސާން މަގުމައްޗަށް ނެރުއްވަނީ މައުމޫން ކަމަށް ޖާބިރު ތުހުމަތުކުރައްވައިފި

ރާއްޖޭގެ ބޯޑަރުތައް އަލުން ބަންދު ކުރުމަށް ގޮވައިލެއްވުމަށްފަހު ހަގު ދަރިކަލުން ޣައްސާން މައުމޫން މަގުމައްޗަށް ނެރުއްވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ތުހުމަތު ކުރައްވައިފި އެވެ.

ރައީސް މައުމޫނަށް މިފަހަކަށް އައިސް ފާޑުވިދާޅުވަމުން ގެންދަވާ ޖާބިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން ވިދާޅުވެގެން އެމަނިކުފާނުގެ ހައްގުގައި ގައުމު ލޮކްޑައުން ކުރަން ހިފުމަކީ ދެރަ ކަމެއް ކަމަށެވެ.

"އެކޮނޮމީ ފުނޑޭތަން ބަލަން ނުހުރެވޭނެ. މައުމޫން އަބްދުލްގައްޔޫމް ލޮކްޑައުން އަށް ގޮވާފަ، ދަރި ވެރިކަމަށް ގެންނަން މަގުމައްޗަށް ނެރެ މުޒާހަރާގައި،" ޖާބިރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.

ޖާބިރު މިހެން ވިދާޅުވި އިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީން މީގެ ދެރޭ ކުރިން މާލޭގައި ކުރި މުޒާހަރާގައި ގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ޣައްސާން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އެ މުޒާހަރާގައި ސަރުކާރާއި ރައީސް ސޯލިހުގެ އިސްތިއުފާއަށް ވަނީ ގޮވާލައިފަ އެވެ.

އޭގެ އިތުރުން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވާ މީހުން އިތުރުވަމުން ދާތީ މުޖުތަމައުގައި ބަލި ކޮންޓްރޯލް ކުރަން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ރައީސް މައުމޫނާއި އެމަނިކުފާނުގެ ޕާޓީ އެމްއާރުއެމް އިން ވެސް ވަނީ ގޮވާލައިފަ އެވެ.

މިމަސް ފެށުނުއިރު ރާއްޖޭގައި ކޮވިޑު ޖެހުނު ޖުމުލަ އަދަދު 1954 ގައި ހުރި ނަމަވެސް މިވީ 29 ދުވަސް ތެރޭގައި އެ އަދަދު ވަނީ 3506 އަށް އުފުލިފަ އެވެ. އަދި އިއްޔެ އެކަނިވެސް ރާއްޖޭގައި 137 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.