ސަރުކާރުގެ ކޮވިޑް 19 ރިކަވަރީ ސްކީމުގެ ދަށުން އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އާމްދަނީ ހޯދުމަށް އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް މިހާތަނަށް 198 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން އެސްޑީއެފްސީން ލޯނު ދޫކުރާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ވިޔަފާރިތަކަށް އަހަރަކު 10 މިލިއަނުން ދަށުގެ އާމްދަނީގެ ވިޔަފާރިތަކަށެވެ. އެ ފަރާތްތަކަށް ލޯނު ދޫކުރާއިރު، މުވައްޒަފުން ވަޒީފާއިން ވަކިނުކުރުން ވެސް ޝަރުތެއްގެ ގޮތުގައި ހިމަނާފައި ވެއެވެ.
ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 2983 ފަރާތަކުން ލޯނަށް އެދި ހުށަހަޅައިފައިވެ އެވެ. އެއީ 485.4 މިލިއަން ރުފިޔާ ހޯދުމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 1618 ކުދި ވިޔަފާރި އާއި އަމިއްލަ މަސައްކަތްކުރާ 1365 ފަރާތެކެވެ.
ނަމަވެސް އޭގެ ތެރެއިން 1663 ފަރާތަކަށް ލޯނު ދޫކުރަން ނިންމާފައިވާއިރު، މިހާތަނަށް ފައިސާ ދޫކޮށްފައިވަނީ 1427 ފަރާތަކަށެވެ. އެއީ ޖުމްލަ 198 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ހިމެނެނީ ކުދި ވިޔަފާރިތަކަށް ދޫކުރި 185.6 މިލިއަން ރުފިޔާ އާއި އަމިއްލަ މަސައްކަތްކުރާ 415 ފަރާތަކަށް ދޫކުރި 12.4 މިލިއަން ރުފިޔާ އެވެ.
މިހާރު ހިނގަމުން އަންނަ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައިދިނުމަށާއި އެވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން އެސްޑީއެފްސީން ދޫކުރާ މި ލޯނަކީ ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ގިނަވެގެން ތިން އަހަރު ދުވަހުގެ ތެރޭގައި އަދާކުރާ ގޮތަށް ދޫކުރާ ލޯނެކެވެ.
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން
އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނަންސް ކޯޕަރޭޝަން