ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ތެރެއިން މިއަދު އެއްވެސް މީހަކު ބަލިން ރަނގަޅުވެފައި ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު މީހަކު ރަނގަޅުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ އަދަދަށް ބަދަލެއް އައިސްފައެއް ނުވެއެވެ. މިހާތަނަށް ބަލިން ރަނގަޅުވެފައިވަނީ ޖުމުލަ 2547 މީހުންނެވެ.

މިއަދު ވަނީ ރެކޯޑު އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 137 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 92 ދިވެއްސަކާއި ބަންގުލަދޭޝްގެ 31 މީހަކާއި އިންޑިއާގެ ނުވަ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.

މިއީ ރާއްޖޭގައި އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި ދުވަހެވެ. އަދި 92 ދިވެހިން ޕޮޒިޓިވްވެ، އެއް ދުވަހެއްގައި އެންމެ ގިނަ އަދަދެއްގެ ދިވެހިން ޕޮޒިޓިވްވި ދުވަހަށް ވެސް ވަނީ ވެފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، ހޮނިހިރު ދުވަހު ޕޮޒިޓިވްވީ 77 މީހުންނެވެ. އާދީއްތަ ދުވަހު ބައްޔަށް ޕޮޒިޓިވްވީ 50 މީހުންނެވެ. އަދި އިއްޔެ 67 މީހަކު ބައްޔަށް ޕޮޒިޓިވްވިއެވެ. އެހެންކަމުން ފާއިތުވެދިޔަ ހަތަރު ދުވަހު ޖުމުލަ 386 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖޭގައި ޖުމްލަ 3506 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމުލަ 929 މީހަކަށެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.