ކުޅިވަރު

އެފްއައިވީބީން އެކުލަވައިލި ކޮމިޝަނަށް އޮލިމްޕިކް ކޮމިޓީގެ ނާޝިދު ދީފައި ވަނީ ނުބައި މައުލޫމާތެއް: ލަތީފް

އައިދާ އަބްދުލް ހަކީމް

2

ހަތަރު ކްލަބެއް ރަޖިސްޓްރީ ކުރި ތާރީހު ބަދަލުކޮށް އެޑްހޮކް ކޮމިޝަނަށް ސައްހަ ނޫން މައުލޫމާތު ދިންކަމަށް ތުހުމަތުކޮށް މައްސަލަ ބަލައިދިނުމަށް ވޮލީބޯޅަ އެސޯސިއޭޝަން(ވީއޭއެމް)ގެ އިންތިހާބީ ރައީސް މުހައްމަދު ލަތީފް ޔޫތު މިނިސްޓްރީ އަށް ހުށަހަޅައިފި އެވެ.

ލަތީފު ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ވީއޭއެމްގެ މައްސަލަ ބެލުމަށް އެފްއައިވީބީން އެކުލަވައިލި އެޑްހޮކް ކޮމިޝަންގައި މޯލްޑިވް އޮލިމްޕިކް ކޮމިޓީ ތަމްސީލު ކުރައްވަން އިންނަވާ މެންބަރު މޫސާ ނާޝިދު އެޑްހޮކް ކޮމިޝަނާ ހިއްސާކޮށްފައިވާ ބައެއް ލިޔެކިޔުންތައް، އޭގެ ސައްހަކަން ކަށަވަރު ކުރުމަށް އެކޮމިޝަނުން އޭނާ އަށް ފޮނޮވާފައިވާ ކަމަށެވެ.

އެގޮތުން މޯލްޑިވްސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި، ގުޑީސް ސްޕޯޓްސް ކުލަބާއި، ސްޕޯޓްސް ކުލަބު ސިޓީގެ އިތުރުން ސްޕޯޓްސް ކްލަބު ހޯކްސް ކަމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮށްފައިވާ ތާރީހު ބަޔާންކޮށް، އެޑްހޮކް ކޮމިޝަނަށް މޫސާ ނާޝިދު ހުށަހަޅާފައިވާ ތާރީހުތަކަކީ ސައްހަ ނޫން މައުލޫމާތުތައްކަމަށް ބެލެވޭ ކަމަށް ލަތީފު ވިދާޅުވިއެވެ.

ލަތީު ވިދާޅުވެފައިވަނީ މި ހަތަރު ކުލަބު ރަޖިސްޓްރީ ކުރުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އެ ހަތަރު ކުލަބު ވީއޭއެމްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށް މޫސާ ނާޝިދު އެޑްހޮކް ކޮމިޝަނަށް ހުށަހަޅާފައިވާ މައުލޫމާތަކީވެސް ސައްހަ ނޫން މައުލޫމާތު ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންތިހާބީ އެކްސްކޯއިން އެސޯސިއޭޝަނުގައި މަސައްކަތް ކުރި އެންމެ ފަހު ދުވަހާ ހަމައަށްވެސް ވީއޭއެމްގެ މެމްބާޝިޕް ހޯދުމަށް އެ ހަތަރު ކުލަބުން އެދިފައި ނުވާ ކަމަށް ލަތީފް ވިދާޅުވި އެވެ.

މީގެ އިތުރުން ލަތީފް ވިދާޅުވެފައިވަނީ ދިވެހި ސިފައިންގެ ކްލަބަކީ އެކްލަބުގެ ފަރާތުން ވައިސް ޕްރެޒިޑެންޓު ލެފްޓިނެންޓް ކާނަލް އަޙުމަދު ޒުބައިރު ސޮއިކުރައްވާ ފޮނުއްވާފައިވާ މެމްބަރޝިޕް އެޕްލިކޭޝަން ފޯމުން، އެކުލަބުން އެދިފައިވާގޮތަށް، އެސޯސިއޭޓް މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީކޮއްދެވިފައިވާ ކުލަބެއް ކަމަށެވެ. އެކުލަބު ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކޮއްފައިވަނީ 30 އޮގަސްޓް 2017 ގައެވެ. ނަމަވެސް އިންތިހާބީ އެކްސްކޯ އެސޯސިއޭޝަނުގައި މަސައްކަތް ކުރި ފަހު ދުވަހާއި ހަމަ އަށް ވެސް އެކުލަބުން އެސޯސިއޭޝަންގެ ފުރިހަމަ މެންބަރަކަށް ވެފައި ނުވާ ކަމަށެވެ. ނަމަވެސް އެކުލަބު ވެސް ފުރިހަމަ މެންބަރެއްގެ ގޮތުގައި ކޮމިޝަނަށް ފޮނުވާފައިވާ ކަމަށެވެ.

އެހެންކަމުން އެޑްހޮކް ކޮމިޝަނަށް ހުށަހަޅާފައިވާ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތު ކަމަށް ވުމުން އެއީ ގާނޫނީ ކުށެއް ކަމަށާއި އެކަން ބައްލަވައިދެއްވުމަށް ލަތީފް ވަނީ މިނިސްޓަރުގެ އަރިހުން އެދިވަޑައިގެންފައެވެ.