ހައިކޯޓުން ހުއްދަ ދިން ނަމަވެސް، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމާ ބައްދަލު ކުރުމުގެ ފުރުސަތު ނުލިބޭކަމަށް އެމަނކުފާނުގެ ގާނޫނީ ވަކީލުން ވިދާޅުވެއްޖެ އެވެ.

އެކަން ހާމަކޮށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފަިއވަނީ، ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމަށްޓަކައި އެމީހަކު އިހުތިޔާރުކުރާ ގާނޫނީ ވަކީލަކާ މަޝްވަރާކުރުމަށް ފުރުސަތު ލިބުމަކީ ގާނޫނު އަސާސީން ކޮންމެ މީހަކަށްވެސް ލިއްބައިދޭ ހައްގެއް ކަމަށެވެ. އަދި އެ ހައްގުތަކަކީ، ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިފަހައްޓައިގެން ނުވާނޭ ހައްގުތަކެއް ކަމަށް ކަނޑައެޅި ބަޔާންވެގެންވާ ކަމަށްވެސް ބުނެފައި ވެއެވެ.

ނަމަވެސް ކޮވިޑް19 އާ ގުޅިގެން ކަމަށް ބަޔާންކޮށް މިއަހަރުގެ މާޗު މަހުގެ ފަހުކޮޅުން ފެށިގެން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ، ގާނޫނީ ވަކީލުންނާ ބައްދަލުކޮށް ގާނޫނީ ވަކީލުންގެ އެހީތެރިކަން ހޯދުމުގެ ހައްގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅަމުންދާ ކަމަށް އެބަޔާނުގައި ވަކީލުން ބުނެފައި ވެއެވެ.

"ކޮވިޑް19 އާ ގުޅިގެން އިއުލާނުކުރި ލޮކްޑައުންގެ ގިނަ އުސޫލުތައް އުވާލައި، ގިނަ ކަންކަމަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، އަދި ކޯޓުތައް ވެސް މިހާރު ހުޅުވައި ޝަރީއަތްތައް ވެސް ފަށާފައިވާއިރު، ރައީސް ޔާމީނާގުޅޭ ބައެއް ޝަރީއަތްތައް ވެސް ފަށާފައިވާއިރު، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ ދަށުން އެފަދަ ޝަރީއަތްތަކުގައި ރައީސް ޔާމީނަށް ލިއްބައިދޭ، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުރަސް އަޅަމުން ގެންދާތީ އެކަމާމެދު އަޅުގަނޑުމެން ނުހަނު ބޮޑަށް ކަންބޮޑުވުން ފާޅުކުރަން،" އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ރައީސް ޔާމީން އެމަނިކުފާނުުގެ ގާނޫނީ ވަކީލުންނާ ސީދާކޮށް ބައްދަލުކޮށް މަޝްވަރާކުރައްވަން ބޭނުންފުޅުވާތީ، މިމަހު އަށްވަނަ ދުވަހު ރައީސް ޔާމީން ހައިކޯޓަށް ހާޒިރުކޮށް ބޭއްވި އިސްތިއުނާފުގެ އަޑުއެހުމުގައި އެކަން ހައިކޯޓަށް ހުށަހެޅުއްވުމުން ވަކީލުންނާ ސީދާކޮށް ބައްދަލު ކުރެވޭނޭ އިންތިޒާމް ހަމަޖައްސަވައިދެއްވުމަށް ހައިކޯޓުން ދައުލަތަށް އަންގަވާފައިވާ ކަމަށެވެ.

މީގެ އިތުރުން 14 ޖޫން ގައި ރައީސް ޔާމީންގެ ވަކީލުންނަށް ކަރެކްޝަނުން ފޮނުއްވި ސިޓީއެއްގައި ވެސް ހައިކޯޓުން ނިންމި ގޮތަށް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ލިބޭނޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް، ވަކީލު ބައްދަލުވުމަށް އެދޭ ފޯމު މާލޭ ޖަލަށް ހުށަހަޅަން ދިއުމުން ރައީސް ޔާމީނާ ސީދާކޮށް ގާތުން ބައްދަލުކުރުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އަންގައި ވަކީލު ބައްދަލުވުން ހަމަޖައްސައިދީފައި ނުވާ ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

"އެބައްދަލުވުމަށް އެދުނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެންގެވި އެންގުމާ ގުޅިގެން ކަމަށް ބަޔާންކޮށް އަދި ބައްދަލުވުން ހަމަޖެހޭނެ ކަމަށް އަންގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފޮނުވާފައިވާ ސިޓީ ދެއްކުމުން ވެސް ވަކީލު ބައްދަލުވުން ހަމަޖައްސައިދިނުމަށް އިންކާރުކޮށް ފޯމު ވެސް ބަލައިގަނެފައެއް ނުވޭ،" ރައީސް ޔާމީންގެ ވަކީލުންގެ ބަޔާނުގައި ބުނެފައިވެ އެވެ.

ވީމާ، ގާނޫނުއަސާސީން ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގަށް ހުރަސް ނުއެޅުމަށް ކަރެކްޝަނަލް ސާވިސް އަށް އިލްތިމާސްކުރާ ކަމަށްވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.