އެމްޓީސީސީ އިން ނ. ފޮއްދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

ފޮއްދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށާއި ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އެވެ.

ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާ ހަރަދުކުރި އެ މަޝްރޫއު ނިންމަން ހަވާލުކުރީ ހަ މަސް ތެރޭގަ އެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ހަތް ވަނަ ދުވަހު އެވެ.

ފޮއްދޫއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލައަށާއި ލަފާފުރުމަށް ބޭނުންކުރާ ފާލަން ރަށާއި ވަކިވެފައިވުމާއެކު އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކުރިއަށް ގެންދިޔަ މި މަޝްރޫއުގެ ދަށުން 1800 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ޖަހައިފައިވާ ކަމަށާއި 5000 އަކަ މީޓަރުގެ ސަރަހައްދެއްގެ ބިންގަނޑު އެއްވަރު ކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން ބުނީ، ދިވެހި ރައްޔިތުންނަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅިން އަލަށް އެތައް މަޝްރޫއެއް ފަށައި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން މިއަހަރުގެ ތެރޭގައި 17 ރަށެއްގައި 19 މަޝްރޫއެއް ނިމިފައިވާއިރު މި ޖުލައި މަހުގެ ތެރޭގައި ބަނދަރު ހެދުމުގެ ދެ މަޝްރޫއަކާއި އެއާޕޯޓް އިތުރަށް ތަރައްގީ ކުރުމުގެ މަޝްރޫއެއް ނިމޭނެ ކަމަށް އެމްޓީސީސީން ބުނެ އެވެ. މި ހަފުތާގެ ތެރޭގައި އިތުރު ދެ މަޝްރޫއެއް ނިންމައި ހަވާލުކުރުމަށް މެދުނުކެނޑި މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.