މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު ފްރެންޗް ކަޕްގެ ފައިނަލުގައި އަނިޔާވި ޕީއެސްޖީގެ ފޯވާޑް ކިލިއަން އެމްބާޕޭ ތިން ހަފްތާ އަށް ކުޅުމާ ދުރަށް ދާން ޖެހި ޖެއެވެ.
ތިން ހަފުތާއަށް ކުޅުމާ ދުރަށް ދާން ޖެހުމުގެ ސަބަބުން، ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ނުފެންނާނެ ކަން މިހާރު ވަނީ ޔަގީން ވެފައެވެ.
އެމްބާޕޭ އަށް އަނިޔާވީ ކޮވިޑް 19 އާ ގުޅިގެން މުބާރާތްތައް މެދު ކަނޑާލާފައި އޮތުމަށްފަހު އަލުން މުބާރާތް ފަށައި ކުޅުނު ފުރަތަމަ މެޗުގައެވެ. އުމުރުން އެންމެ 21 އަހަރުގެ ފޯވާޑަށް އިދިކޮޅު ޓީމް ސެއިންޓް އެޓިއެންގެ ޑިފެންޑަރަކު ކުރި ފައުލަކާއި ގުޅުގެން ކަކުލު ހުޅަށް އަނިޔާވެ ފައިނަލް މެޗުގެ ކުރީކޮޅު އޭނާ ވަނީ ދަނޑުން ބާލައިފައެވެ.
އެމްބާޕޭ ވަނީ މި ސީޒަނުގައި ޕީއެސްޖީ އަށް 30 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ޗެމްޕިއަންސް ލީގު މިހާތަނަށް ކާމިޔާބުކުރެވިފައި ނުވާ ޕީއެސްޖީގެ އެންމެ ބޮޑު އަމާޒަކީ މި ސީޒަނުގައި އެ މުބާރާތް ކާމިޔާބުކުރުމެވެ. މުހިއްމު ދަނޑިވަޅެއްގައި އަނިޔާ ވެ އިޓާލިއަން ލީގުގެ ތިން ވަނައިގައި އޮތް އެޓަލާންޓާއާ ދެކޮޅަށް އެމްބާޕޭ އަށް ނުކުޅެވުމަކީ ޕީއެސްޖީ އަށް ލިބޭނެ ބޮޑު ގެއްލުމެކެވެ.
ކޮވިޑް19 އާ ގުޅިގެން ޗެމްޕިއަންސް ލީގު ފަސްކުރުމަށް ފަހު މިހާރު ފޯމެޓް ރާވާލާފައިވަނީ ކުއާޓާ ފައިނަލުން ފެށިގެން މިނީ މުބާރާތެއް ގޮތަށް ކުޅޭށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހު 23 ވަނަ ދުވަހު އެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު