އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އުޅުއްވަނީ ޕީޕީއެމްގެ މެންބަރުން ބިރުގަންނަވަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ، އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސަކަށް ހުރީ ބޮޑެތި ވައްކަންތަކުގެ ތުހުމަތު އެޅިފައިވާ ބޭފުޅެއް ކަމަށާއި އެއީ އެއްވެސް ނަޒާހަތްތެރިކަމެއް އޮތް ބޭފުޅެއް ނޫން ކަމަށެވެ.
ޝިޔާމް ވިދާޅުވީ، އެމްއެމްޕީއާރްސީގެ ވާހަކަ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު ދައްކަވަނީ ޕީޕީއެމްގެ މެންބަރުން ބިރުގަންނަވަން ކަމަށެވެ.
"އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް، އަޅުގަނޑުމެން (ޕީޕީއެމް) ބިރުގަންނަވަން އެމްއެމްޕީއާރްސީގެ ވާހަކަ މި ދައްކަވަނީ. ވާދަވެރި ސިޔާސީ ޕާޓީގައި މަސައްކަތް ކުރާ ބޭފުޅުން ބިރުގަންނަވަން އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް މިއުޅެނީ" ޝިޔާމް ވިދާޅުވިއެވެ.
މީގެ އިތުރުން ޝިޔާމް ވަނީ، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު ކީރިތި ގުރުއާން ޗާޕްކުރަން ދިނުމުގައި އަސްއަދު ވައްކަން ކޮށްފައި ކަމަށް ތުހުމަތުކޮށްފައެވެ.
"ކޯއްޗަކުންތޯ ވައްކަން ނުކުރާނީ. ޗާޕްކުރަން ދިން ފަރާތަކަށް 150،000 ކޮޕީ ޗާޕްކުރަން ދީފައި އިސްލާމިކް މިނިސްޓްރީން އެ އަދަދު ހަމަ ނުވާކަމަށް ބުނެފައި އޮއްވައި ޗާޕްކުރާ ފަރާތަށް ދިނީ 30 މިލިއަން ރުފިޔާ. އެއޮތީ އޭސީސީ ރިޕޯޓުގައި އެވާހަކަ" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ، އަސްއަދު ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ރާއްޖޭގެ ކުންފުނިތައް އުފެއްދި ކެޕިޓަލް ހަރަދުގެ ގޮތުގައި 199 މިލިއަން ރުފިޔާ ހަރަދުކޮށްފައި އޮތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކާ ކަމަށާއި ނަމަވެސް 199 މިލިއަން ރުފިޔާ ހަރަދުކޮށްފައި ނުވާ ކަމަށާއި އެއީ ބޮޑު އޮޅުވާލުމެއް ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތެރެއިން، ނުއަގުގައި ރަށްތަކާއި ފަޅުތައް ވިއްކުމުގެ ސަބަބުން، ދައުލަތަށް ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާއަށް އަރާނެކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފައި ވެއެވެ. އެ ހިޔާނާތުގައި ބައިވެރިވި މީހުންގެ ލިސްޓު މިހާތަނަށް އެކޮމިޝަނުން އާންމުކޮށްފައި ނުވި ނަމަވެސް ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު 300 އަށް އަރާ ކަމަށް އެ އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެއެވެ.
އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ވަނީ އެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ ބައެއް ފަރާތްތަކުގެ މައުލޫމާތު އާންމުކޮށްފައެވެ. އޭގެ ތެރޭގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕީޕީއެމްގައި ހިމެނޭ ބައެއް އިސް ފަރާތްތައް ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު