ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން އިލްތިމާސްކޮށްފިއެވެ.

މީޑިއާ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށާއި، އެހެންކަމުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއްކުރުމަކީ އެ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫންކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން މީޑިއާ ކައުންސިލުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން، ބ އަތޮޅު ބޮޑުފިނޮޅުގައި ދާދިފަހުން ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސާވިސްއިން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަމަށާއި މިމަހުގެ 26 ވަނަ ދުވަހު މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށްވެސް ފުލުހުންގެ ފަރާތުން ހުރަސްތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާ އެ ކައުންސިލްގެ މެންބަރުންނަށް ލިބފައިވާ ކަމުގައި އެމްއެމްސީއިން ބުނެއެވެ. އެގޮތުން މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖެއްސުމާއި، އެނޫންވެސް މުޒާހަރާގައި ހިނގަމުންދާ ކަންކަން ކަވަރުކުރަން ހުރަސް އެޅޭފަދަ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެކައުންސިލުން ބުނެއެވެ.

މީޑިއާ ކައުންސިލުން ބުނީ، ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު"ގެ 43 ވަނަ މާއްދާގެ (ބ) ގައި "މީޑިއާގެ މަސައްކަތަށް ހުރަސްއެޅުން" އެއީ މުޒާހަރާތަކުގައިވެސް ފުލުހުންނަށް ނުކުރެވޭނެ ކަންކަމުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން، ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި މީޑިއާއާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމަބެހޭ އެންމެހާ މުއައްސަސާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

މީޑިއާ ކައުންސިލުން ވަނީ، މި ދަނޑިވަޅުގައި ރާއްޖޭގެ އެންމެހައި މީޑިއާތަކާއި ނޫސްވެރިންވެސް ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު"ގެ އިމުގެ ތެރޭގައި މިފަދަ ކަންކަން ކަވަރުކުރުމުގެ މަސައްކަތް ކުރުމަށްވެސް އިލްތިމާސްކޮށްފައެވެ. އަދި މުޒާހަރާތައް ކަވަރުކުރަން ނުކުންނަ ނޫސްވެރިން ގާނޫނު ނަންބަރު 2013/1 "ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނު"ގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ "އެއްވުމާ ގުޅޭ ގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު"އާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތަށް ނުކުތުމަށާއި، ބްރޯޑްކާސްޓިން ކޮމިޝަނުން ދޫކުރާ ހާއްސަ ފާސް އަޅައިގެން މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމަށްވެސް އެމްއެމްސީއިން އިލްތިމާސްކޮށްފައި ވެއެވެ.