އަވަސް އަރުވާލައިގެން އިއްޔެ ފާސްކުރި މީޑިއާ ރެގިއުލޭޝަން ބިލު ތަސްދީގު ނުކުރެއްވުމަށް އެދި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފިއެވެ.

މީޑިއާ ބިލު ފާސްކުރުމާ ގުޅިގެން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެމްއެމްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެ ބިލު މަޖިލީހަށް ހުށަހެޅުނީއްސުރެ، އެ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަނާއި، ބާ ކައުންސިލާއި، ނޫސްވެރިންނާއި، މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި، އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރާ ބައިނަލްއަގުވާމީ އެކި ޖަމިއްޔާތަކުން، މި ބިލަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ގޮތެއްގައި ރިއާޔަތްކުރެއްވުމެއް ނެތި ބިލު ފާސްކުރައްވާފައިވާތީ، މި ބިލު ތަސްދީގު ނުކުރެއްވުމަށް އެދި ރައީސަށް ސިޓީއެއް ފޮނުވި ކަމަށެވެ.

"ދިވެހިރާއްޖޭގެ ގިނަ އަދަދެއްގެ ނޫސްވެރިންނާއި، މީޑިއާ މުއައްސަސާތަކާއި، މަދަނީ ޖަމިއްޔާތަކުން ފާޅުކުރަމުންދިޔަ ކަންބޮޑުވުންތަކާއެކު ވެސް 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު' ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަކީ މި ކައުންސިލުން ނުހަނު ކަންބޮޑުވާ ކަމެކެވެ./." އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާއާ ގުޅުންހުރި މައްސަލަތަކާއި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ހެޔޮ ނިޔަތެއްގައި އެދޭ ނަމަ، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށާއި، ގައުމީ ފެންވަރުގައި ގިނަ ފަރާތްތަކުގެ ބައިވެރިވުމާއެކު ދިރާސާކުރުމުގެ މަރުޙަލާއެއް ކުރިއަށް ގެންދިއުމަށް ފެށުނީއްސުރެ އެމްއެމްސީން އެދެމުންދާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ނަމަވެސް، ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އަވަސް ދުވެއްޔެއްގައި ހާމަކަން ކުޑަވާ ގޮތަށް ކުރިއަށް ގެންދިޔަކަމީ، ބައެއް މަރުހަލާތައް ނަމަކަށް ފުރިހަމަ ކޮށްލުމުގެ ނިޔަތުގައި ކުރެވުނު ކަމެއް ކަމުގައި ދެކެމެވެ."

އެކަމުގެ ސަބަބުން، ފަހަށް ފުންކޮށް ވިސްނައި، ރަނގަޅަށް ބަހުސްކުރުމުގެ ފުރުސަތު ގެއްލިގެން ދިޔުމަކީ އެތަކެއް މައްސަލަތަކެއް އަލަށް ފެންމަތިވެގެން އަންނާނެ ކަމެއް ކަމުގައި ދެކޭ ކަމަށާއި އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ، މީޑިއާ ރެގިއުލޭޓްކުރުމުގެ ބަދަލުގައި ކޮންޓްރޯލްކުރެވިގެން ދާނެ ކަމަށްވެސް އެމްއެމްސީން ބުންޏެވެ.

އަދި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވެ، ފާޑުކިޔާ އަޑުތައް މަޑުކުރުމަށް ބޭނުންކުރެވިދާނެ ވަސީލަތްތަކެއް ތައާރަފުކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ. ކޮންމެ ޑިމޮކްރަސީއެއްގެ ވެސް އަސާސީ ތަނބެއްކަމުގައިވާ މިނިވަން ނޫސްވެރިކަމުގެ ތެރެއިން، ކޮރަޕްޝަނާއި ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރުމާ ދެކޮޅަށް ފާރަވެރިވުމުގެ ގޮތުން ކުރެވޭ ތަހުގީގީ އަދި ޖަވާބުދާރީކުރުވުމުގެ ނޫސްވެރިކަން، ހުއްޓުވުމަށް ބާރު ލިބިގެން ދާނެ ކަމަށެވެ.

މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް އިދާރާގެ ކުރިމަތީގައި އިހުތިޖާޖު ކުރަނީ. -- (ވަން ފޮޓޯ/ ހަމްދާން އަހްމަދު)

އަދި އެކަމުގެ ސަބަބުން ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖޭގެ ރޭންކިން ވަރަށް ބޮޑަށް ދަށްވެގެން ދާނެކަމަށް ގަބޫލުކުރެވޭ ކަމަށްވެސް އެމްއެމްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

"މި ބިލު ތަސްދީގުކުރުމާ އެކު، މުއައްސަސާއެއްގެ ގޮތުގައި މި ކައުންސިލް އުވިގެންދިޔަ ނަމަވެސް، މިނިވަން ނޫސްވެރިކަމުގެ ރޫހު ދެމި އޮންނާނެއެވެ. މީޑިއާ ކައުންސިލް މެންބަރުން އުންމީދުކުރަނީ، ދިމާވާ ކޮންމެ އަނދިރިކަމެއްގެ ތެރޭގައި ވެސް، އަހަރުތަކެއް ވަންދެން އިންދަމުން އައި ނޫސްވެރިކަމުގެ ގަސްތައް ކުރިލައި ހެދޭނެ އަލި މަގެއް ފެނިގެންދާނެ ކަމަށެވެ..،" އެމްއެމްސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.