ބްރޯޑްކާސްޓަރުނަކީ އިސްލާމީ އޮނިގަނޑަށް ފެތޭ މައުލޫމާތު ގެނެެސްދޭ ބަޔަކަށް ވާންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންގެންދާ ގައުމީ ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މީޑިއާގެ ދައުރު މުހިންމުކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ހަބަރާއި މައުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރާ ހުރިހާ ކަންކަމަކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާއެކު ދޭން ޖެހޭ ހިދުމަތެއް ކަމަށެވެ.

"ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް އަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާހުރި މައުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން. ގައުމަށް ރީތި ނަން ހޯދައިދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން." ރައީސްގެ ޕޯސްޓުގައިވެއެވެ.

ރައީސް ވަނީ ބްރޯޑްކާސްޓިން ދާއިރާގެ އެންމެހާ ހިދުމަތްތެރިންނަށް ތަހުނިޔާ އަރިސްކުރައްވައިފައެވެ.