މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ މި އަހަރުގެ އިނާމަށް 92 ހުށަހެޅުން ލިބިފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ނޫސްވެރިކަން ިކުރާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، ހިތްވަރު ދިނުމަށްޓަކައި އެމްއެމްސީން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް 14 ދާއިރާއަކުން ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއެވެ.

އެމްއެމްސީން ނޫސްވެރިކަމުގެ އެވޯޑަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ. ދެފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް، މިއަދު މެންދުރު ވަނީ ކުރިމަތިލުމުގެ ފުރުސަތު ބަންދުކޮށްލައިފައެވެ.

މިއަހަރު ނޫސްވެރިކަމުގެ އިނާމު ދޭ ދާއިރާތަކަކީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ އަދި ގާނޫނީ ދާއިރާ، ވިޔަފާރިއާއި އިގުތިސޯދުގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފޮޓޯ ޖާނަލިޒަމްގެ ދާއިރާ، ޑޮކިއުމަންޓްރީގެ ދާއިރާ، ލައިފްސްޓައިލާއި މުނިފޫހިފިލުވުމާއި ފަންނުވެރިކަމުގެ ދާއިރާ، ފީޗާ ރިޕޯޓުގެ ދާއިރާ، ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާ، އޯޑިއޯ ޖާނަލިޒަމްގެ ދާއިރާ، އުންމީދީ ނޫސްވެރިޔާގެ އިނާމު، އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ އިނާމު އަދި ރީޖަނަލް ނޫހުގެ އެންމެ މޮޅު އުފެއްދުމުގެ އިނާމެވެ.

މިއީ އެމްއެމްސީން ނޫސްވެރިކަމުގެ އިނާމު ދޭ 12 ވަނަ ފަހަރެވެ.