ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 13 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 13 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ 2547 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ 67 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 43 ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ހަ މީހަކާއި އިންޑޮނޭޝިއާގެ ތިން މީހަކާއި އެމެރިކާގެ މީހެކެވެ.

މިއަދު ފެނުނު ކޭސްތަކާއެކު ރާއްޖޭގައި ޖުމްލަ 3369 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 792 މީހަކެވެ.

މިމަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ޖުމުލަ 77 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިދިޔަ ހުކުރު ދުވަހު 55 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އިއްޔެ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 50 މީހުންނެވެ. އެހެންކަމުން ފާއިތުވެދިޔަ ހަތަރު ދުވަހު ޖުމުލަ 249 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފައެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެއެވެ.