މާލޭގައި ބޮޑު ޖަމާއަތުގައި އަލްހާ އީދު ނަމާދު ނުކުރަން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަހަރުގެ އަލްހާ އީދު ނަމާދު ބޮޑު ޖަމާއަތުގައި މާފަންނު ސްޓޭޑިއަމްގައި ނުކުރާގޮތަށް ނިންމާފައިވާ ކަމަށެވެ.

މާލެ ސިޓީގައި އީދު ނަމާދު އޮންނާނީ އިސްލާމީ މަރުކަޒާއި ހުކުރު ކުރާ މިސްކިތްތަކުގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ.

މިއަހަރުގެ އަލްހާ އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. އަދި އަންނަ ބުރާސްފަތި ދުވަހަކީ މިއަހަރުގެ ހައްޖު ދުވަހެވެ.

ކޮވިޑް ފެތުރުން ހުއްޓުވުމަށް މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުގެ އަސްރު ނަމާދުން ފެށިގެން މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލައިފައެވެ. މިސްކިތްތަކުގައި ނަމާދު ކުރުމުގެ ހުއްދަ އަލުން ދީފައިވަނީ މިމަހުގެ އެއްވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެންނެވެ.

މިސްކިތްތަކުގައި ނަމާދު ކުރަން ހުއްދަ ދިން ނަމަވެސް ޖަމާއަތުގައި ހުކުރު ކުރަން ހުއްދަ ދީފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.