މާދަމާއިން ފެށިގެން މާލޭގައި ރިލީސް ސާމްޕަލް ނަގާނީ މާފަންނު މަދަރުސާއިން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ކަރަންޓީނުގައި ތިބޭ މީހުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން ނަގާ ސާމްޕަލް މާދަމާއިން ފެށިގެން ނެގުމަށް ހަމަޖެހިފައިވަނީ މާފަންނު މަދަރުސާއިން ކަމަށެވެ.
"ކަރަންޓީނުގައި ތިބޭ މީހުން، ކޮންޓެކްޓުންގެ ގޮތުގައި ވެފައި ކަރަންޓީނުގައި ތިބޭ މީހުން ރިލީސް ކުރުމަށް އަޅުގަނޑުމެން މިހާރު މިހާތަނަށް އައިއިރު ކަންކަން ކުރަމުން އައި ގޮތަކީ އެމީހަކު ހުންނަ ގެއަކަށް ގޮސް ސާމްޕަލް ނަގާފައި މި ދޫކުރަނީ. މާލޭގައި މާދަމާ އިން ފެށިގެން އަޅުގަނޑުމެން ވަކި ހާއްސަ ތަނެއް މިކަމަށް ކަނޑައަޅާފައި އޮންނާނީ. މާފަންނު މަދަރުސާގައި ހެނދުނު 9:00 އިން ރޭގަނޑު 9:00 އާ ހަމައަށް ރިލީސް ސާމްޕަލް ނެގުމުގެ ކަންތައްތައް ހަމަޖެހިގެންދާނެ. މިކޮޅުން އަޅުގަނޑުމެން އެސްއެމްއެސްއެއް ނުވަތަ ފޯނު ކޯލެއް ދާނެ ސާމްޕަލް ނަގަން ވަޑައިގަންނަވަން،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ބަލީގެ އަލާމާތްތައް ހުރެގެން ނުވަތަ އުމުރުން ދުވަސްވީ މީހެއް ކަމަށްވަންޏާ އެމީހެއްގެ ސާމްޕަލް ނެގުމަށް އާރުއާރުޓީ ޓީމު އެމީހެއްގެ ގެއަށް ދާނެ ކަމަށާއި އެހެން ހުރިހާ މީހުން ސާމްޕަލް ނަގަން ދާން ޖެހޭނީ މާފަންނު މަދަރުސާއަށް ކަމަށެވެ. އަދި ހުޅުމާލެއާއި ވިލިމާލޭގައި ތިބޭ މީހުންގެ ސާމްޕަލް ނަގަން އާރުއާރުޓީ ޓީމުތައް އެގެތަކަށް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު