މިދިޔަ 24 ގަޑިއިރު ތެރޭ 50 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 3302 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނާ ގޮތުގައި، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 34 ދިވެއްސަކާއި ބަންގުލަދޭޝްގެ 14 މީހަކާއި އިންޑިއާގެ ދެ މީހުން ކަމަށެވެ.
ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން މީހަކު ރަނގަޅުވެފައެއް ނުވެއެވެ. މިހާތަނަށް ޖުމުލަ 2534 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 738 މީހަކަށެވެ.
މިމަހުގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އިއްޔެއެވެ. އިއްޔެ ޖުމުލަ 77 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އަދި މިދިޔަ ހުކުރު ދުވަހު 55 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެހެންކަމުން ފާއިތުވެދިޔަ ތިން ދުވަހު ޖުމުލަ 182 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ގިނައީ ދިވެހިންނެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި އެއްވެސް މީހަކު ނެތެވެ. އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 574 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 15 މީހަކު ވަނީ މަރުވެފަ އެވެ. އެއީ ދިހަ ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ ނުވަ ދިވެއްސަކު ހިމެނެ އެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު