ގައުމު ކުރިއަރުވައި ތަރައްގީކުރުމަށް ފަރުދީ ޒިންމާ އަދާކުކޮށްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ރައީސް ވިދާޅުވީ، މިނިވަންކަމުގެ ދަތުރުގައި 55 އަހަރު ހޭދަކުރެވުނުއިރު، ތަރައްގީގެ ސަމުގާއިން ދެން އަމާޒު ހިފަންވީ ކޮން މިސްރާބަކަށްކަން އޮޅިގެން ނުވާނެ ކަމަށެވެ. އަދި މިއަދު ކޮންމެ ދިވެއްސެއްގެ ވިސްނުން ވެސް ބަހައްޓަންވީ ގައުމު ކުރިއަރުވައި ތަރައްގީ ކުރުމުގައި ފަރުދީ ޒިންމާ އަދާކުރުމަށް ކަމަށް ވިދާޅުވި އެވެ.
"އެކަން އަޅުގަނޑުމެންނަށް ހާސިލުކުރެވޭނީ، ތަރައްގީއަކީ ތިމާގެ ޒާތީ ދިރިއުޅުމުގެ އެއްބައި ކަމަށް ގަބޫލުކޮށް، އެމަގަށް ފަރުދުންގެ ދިރިއުޅުން ބައްޓަންކޮށްގެން. ހަގީގީ ދިރިއުޅުމަކީ، ފަސްމަގުގެ މޯހިރަށް ގެއްލިގެންދާ ދުވަހަށްވުރެ، ކުރިމަގުގެ އުދަރެހުން އަލިވިލޭ ކޮންމެ ދުވަހަކާއެކު، ތިމާގެ އަމިއްލަ ދިރިއުޅުމުގައި އައު ބަދަލުތަކަށް އުންމީދުކުރެވޭ ދިރިއުޅުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، ތަރައްގީއާ ފައިހަމަވާ ދިރިއުޅުމެއް ހޯދޭނީ ދިރިއުޅުމަކީ ލިބޭ އާމްދަނީއަކުން ބަނޑުފުރާނަ މުއްތިކޮށްލުން ކަމަށް ދެކޭ ދެކުން ބަދަލުކޮށްގެން ކަމަށާއި އަބަދުވެސް އިއްޔެއަށްވުރެ މިއަދު ތަރައްގީކޮށް، އަދި އެއަށްވުރެ ފާގަތި މާދަމާއަކަށް މަސައްކަތް ކޮށްގެން ކަމަށެވެ.
ކޮވިޑުގެ ސަބަބުން ގައުމީ ތަރައްގީއަށް ކުރިމަތިވެފައިވާ ހުރަސްތައް ގިރާކުރެވޭނީ ރާއްޖޭގެ އިންސާނީ ވަސީލަތްތައް ހަލުވިމިނެއްގައި ތަރައްގީކޮށް، އެ ވަސީލަތްތަކުގެ ބޭނުން ފުރިހަމައަށް ހިފައިގެންކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ގައުމީ ތަރައްގީގެ ސިޔާސަތުގައި މީހުން ބިނާކުރުމަށް ހާއްސަ އިސްކަމެއް ދެނީ އެ ސަބަބަށް ކަމަށެވެ. ގައުމުގެ އިގްތިސާދީ އަދި ސިޔާސީ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއި ރައްޔިތުން އެކުގައި އެއް އަޒުމެއްގައި މަސައްކަތްކޮށް، އެ ނަތީޖާ ހާސިލުކުރުމަކީ އުދަނގޫ ކަމެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު