ކޮންމެ އިންސާނަކު ވެސް ދުނިޔެއަށް ނޭވާލާން ފެށުމާއެކު އޭނާގެ ޒާތާ ގުޅިފައިވާ އެންމެ މަތިވެރި އަދި އެއްވެސް ހާލެއްގައި އޭނާއާ ވަކިނުކުރެވޭނެ ހައްގަކީ މިނިވަންކަމުގެ ހައްގު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ފާހަގަކުރަމުން އަންނަ ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބު ކުރައްވައި ދެއްވި ހިތާބުގައެވެ.
ރައީސް ވިދާޅުވީ، ގައުމެއްގެ ހަޔާތުގައި ފާހަގަކުރާ ދުވަސްތަކުގެ ތެރެއިން، އެންމެ އުފާވެރި އަދި އެންމެ ފަހުރުވެރި ދުވަހަކީ، އެ ގައުމެއްގެ މިނިވަން ދުވަސް ކަމަށެވެ. ގައުމެއްގެ ހަޔާތުގައި އެންމެ ކުލަގަދަކޮށް ފާހަގަކުރާނީ ވެސް މިނިވަން ދުވަސް ކަމަށާއި ހުރިހާ ގައުމެއްގައިވެސް ކަން ހިނގަނީ އެގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިނިވަން ދުވަހަށް، މިހާ މަތީ ދަރަޖައެއް ދެވިފައިވަނީ، އިންސާނާގެ އަމިއްލަ ޒާތާއި މިނިވަންކަމާ ގުޅިފައިވާ މިންވަރުގެ ސަބަބުން. ކޮންމެ އިންސާނަކުމެ ދުނިޔެއަށް ނޭވާލާން ފެށުމާއެކު، އޭނާގެ ޒާތާ ގުޅިފައިވާ އެންމެ މަތިވެރި ހައްގަކީ އަދި އެއްވެސް ހާލެއްގައި އޭނާއާ ވަކި ނުކުރެވޭނެ ހައްގަކީ މިނިވަންކަމުގެ ހައްގު،" ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ މިނިވަންކަމަކީ، މިނިވަން ދައުލަތެއް ވުޖޫދު ވެފައިވާ ކަމުގެ އެންމެ އަލިގަދަ ހެކި ކަމަށެވެ. އެއީ ބައިނަލްއަގްވާމީ މުޖުތަމައުގައި، ހަމަހަމަކަމާއެކު ބަސް ބުނުމާއި ހިޔާލު ފާޅުކުރުމުގެ ހައްގު އެ ދައުލަތަކަށް ލިބިގެންވާ ސަބަބު ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް މިނިވަން ދުވަސް ފާހަގަކުރަނީ އުފަލާއި ހިތްހަމަޖެހުމާއެކު. އަދި ކުރިމަގަށްޓަކައި ކުރާ ވަރަށް ފޮނި އުންމީދުތަކަކާއެކު. ނަމަވެސް، މިނިވަންކަމުގެ ދަތުރުގައި އަޅުގަނޑުމެންނަށް މިހާރު އާދެވިފައި މިތިބީ ކިހާ ހިސާބަކަށްތޯ ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއް،" ރައީސް ވިދާޅުވިއެވެ.
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް
މިނިވަން ދުވަސް