ފްރާންސް ކަޕްގެ ޗެމްޕިއަންކަން 13 ވަނަ ފަހަރަށް ޕީއެސްޖީން ހޯދައިފި އެވެ.
ރޭ ސެއިން އެޓިއެންގެ އާ ވާދަކޮށް ޕީއެސްޖީން ޗެމްޕިއަންކަން ހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗްގެ ހަމަ އެކަނި ގޯލް ކާމިޔާބު ކޮށްދިނީ ބްރެޒިލްގެ ތަރި ނޭމާ ޖޫނިއާ އެވެ. އެގޯލް އޭނާ ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 14 ވަނަ މިނެޓުގައެވެ.
ގިނަ ކާޑުތަކެއް ފެނިގެންދިޔަ މި މެޗްގައި ޕީއެސްޖީގެ ކައިލިއަން އެމްބާޕޭ އަށް ނުރައްކާތެރި ފައުލެއް ކުރުމާއި ގުޅިގެން ސެއިން އެޓިއެން ގެ ލޮއިކް ޕެރިން އަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވައިލައިފައެވެ. ސެއިން އެޓިއެން އިން މެޗްގެ ބާކީ ބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާ އެކު އެވެ.
ރޭ އެމްބާޕޭގެ ފަޔަށް ލިބުނު އިންޖަރީއަކާ ގުޅިގެން އޭނާ ވަނީ މެޗްގެ 31 ވަނަ މިނެޓުގައި ބާލައިފައެވެ. އެ އިންޖަރީގެ ސަބަބުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ޕީއެސްޖީ އަންނަ މަހު އެޓްލާންޓާ އާއެކު ކުޅޭ މެޗުގައި އެމްބާޕޭ ފެނުމާ މެދު ޝައްކެވެ.
ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ތަށި ލިބުމުގެ އުފާ އެންމެ ފުރިހަމަޔަށް ފާޅު ނުކުރެވުނު ކަމަށާއި އެމްބާޕޭ އަށް އަނިޔާވުމަކީ މުޅި ޓީމަށް ލިބުނު މާޔޫސްކަމެއް ކަމަށެވެ.
ކޮވިޑް19 އާ ގުޅިގެން، މާޗް މަހު ފްރެންޗް ލީގު ކެންސަލްކުރީ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދިނުމަށް ފަހު އެވެ. އޭރު ނިންމީ ކުޅުމުގެ ފުރުސަތު ލިބުނުހާ އަވަހަކަށް ކަޕް ފައިނަލްތައް ބޭއްވުމަށެވެ. އެ ގޮތުން ރޭގެ މެޗަކީ ކޮވިޑް19 ގެ މެދުކެނޑުމަށް ފަހު ރަސްމީކޮށް ފްރާންސްގައި ކުޅުނު ފުރަތަމަ މެޗެވެ.
ރޭގެ މެޗަށް މަދު އަދަދެއްގެ ސަޕޯޓަރުން ވަނީ ވައްދައިފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު