މީގެ ކުރިން ކޮވިޑް 19އަށް ޕޮޒިޓިވްވެ ރަނގަޅުވެފައި ހުރި މީހަކު ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ހުއްޓާ އަނެއްކާވެސް ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ދެވަނަ ފަހަރަށް ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ އާސަންދައިގެ އެހީތެރިކަމާއެކު އިންޑިއާއަށް ދިޔަ ބަލި މީހެއްގެ އެހީތެރިއެކެވެ. އޭނާ އެގައުމަށް ގޮސް ކުރި ޓެސްޓަކުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިއާއެކު ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ މިހުންގެ ތެރެއިން މިހާރު ޕޮޒިޓިވްވެފައިވަނީ ޖުމްލަ ތިން މީހެކެވެ.

އެނގިފައިވާ ގޮތުގައި ބައްޔަށް ޕޮޒިޓިވްވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ބަލި މީހުންގެ އެހީތެރިންގެ ގޮތުގައި ގޮސް އުޅޭ ދެމީހުންނެވެ.

ކޮވިޑް 19 ޖެހިފައިވާ މީހަކު އެ ބަލިން ރަނގަޅުވުމުން އަލުން އެމީހަކަށް އެބަލި ޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އިތުރުން އެނޫންވެސް ސިއްހީ ޖަމިއްޔާތަކުން ހަދާފައިވާ އެއްވެސް ދިރާސާއަކުން ސާބިތުވެފައެއް ނުވެއެވެ.

ބައެއް ފަހަރު ކޮވިޑް ޖެހިފައިވާ މީހުން އަލުން އެ ބައްޔަށް ޕޮޒިޓިވްވެފައި ވެސް އެބަހުއްޓެވެ. ބައެއް ޑޮކްޓަރުން ވިދާޅުވާ ގޮތުގައި އެގޮތަށް މެދުވެރިވަނީ ކްރޮސް ކޮންޓާމިނޭޝަންގެ ސަބަބުން ފޯލްސް ޕޮޒިޓިވްއެއް ދެއްކުމުންނެވެ.

ސިއްހީ މާހިރުންނަށް މިހާތަނަށް ކަށަވަރުވެފައިވާ ކަމަކީ ކޮވިޑް ޖެހުމުން އެމީހެއްގެ ހަށިގަނޑުގައި ވަކި މުއްދަތެއް ވަންދެން އިމިއުނިޓީ ހުންނަ ކަމެވެ. ނަމަވެސް އެއީ ކިހާ މުއްދަތަކަށް ކަމެއް އަދި ކަށަވަރުވެފައެއް ނުވެއެވެ.