މާލޭ ސަރަހައްދުގެ ސްކޫލުތަކުގެ ގްރޭޑު 7 އަދި 8ގެ ކިޔެވުން އަންނަ މަހުގެ 16 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ މާލޭ ސިޓީގެ ސްކޫލުތަކުގެ ކީ ސްޓޭޖު 3 (ގްރޭޑް 7 އަދި 8)ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލުތަކުގައި އަންނަ މަހުގެ 16ގައި ފެށުމަށް ހަމަޖައްސާފައިވާ ކަމަށެވެ.
"މިހާރު ކޮވިޑް 19ގެ ހާލަތަށް ބަލައި އަދި އެޗްޕީއޭގެ ލަފައާއެކު ކީ ސްޓޭޖު 3 (ގްރޭޑް 7 އަދި 8)ގެ ކިޔެވުން މާލޭ ސިޓީގެ ސްކޫލުތަކުގައި 2020 އޮގަސްޓް 16 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ..،" އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު ސްކޫލުތައް ހުޅުވައި ކިޔަވައިދޭން ފަށާފައިވަނީ މިމަހުގެ އެކަކުން ފެށިގެންނެވެ. އެގޮތުން ކޮވިޑް ނެތް ރަށްރަށުގައި ހުރިހާ ގުރޭޑަކަށް ކިޔަވައިދޭން ފަށާފައިވާއިރު މާލޭގެ ސްކޫލްތަކުގައި ކިޔަވައިދޭން ފަށާފައިވަނީ ގުރޭޑް ނުވަޔަކުން މައްޗަށެވެ.
އޭގެ އިތުރުން ދަރިވަރުން މާސްކު އަޅައިގެން ސްކޫލަށް ހާޒިރުވާން ޖެހޭއިރު ސްކޫލް މާހައުލުގައި ވެސް ވަނީ ގައިދުރުކަން ކަށަވަރު ކުރުމަށް ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކުލާސްރޫމްގައި ތިބޭ ކުދިންގެ އަދަދު މަދުކޮށް، މޭޒުތައް އަތުރާފައިވަނީ ކޮންމެ ދެމޭޒެއް ދެމެދުގައި ތިން ފޫޓު ދުރުމިން ހުންނަ ވަރަށެވެ.
މާލޭގެ ސްކޫލުތަކުގެ ބައެއް ޓީޗަރުންނާއި ދަރިވަރުން އަދި ސްކޫލުތަކުގެ ބައެއް މުވައްޒަފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ދާދި ފަހުން ވަނީ ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލްގެ ދަރިވަރަކާއި ދެ ޓީޗަރުން އަދި ޣާޒީ ސްކޫލުގެ ޓީޗަރަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެ އިތުރުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލާއި ދަރުމަވަންތަ ސްކޫލުގެ މުވައްޒަފަކު ވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ.
އެ ކޭސްތައް ފެނުނު ނަމަވެސް އެއްވެސް ސްކޫލެއްގައި ކްލަސްޓާއެއްގެ ގޮތުގައި ކޮވިޑް ފެތުރިގެން ނުދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ވިދާޅުވެފައެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ބަލި އުޅޭ މިންވަރަށް ބަލާއިރު، ކޮންމެ ސްކޫލެއްގައި ވެސް އަދި އޮފީސްތަކުގައި ވެސް ބޭރު ތެރެއިން ބަލި ޖެހިގެން ދާ މީހުން ތިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން ވަރަށް މުހިންމު ކަމަށެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު