ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ވަކިވަކިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެކިއެކި ކަންކަން ރެއިޑްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ދޮގުކުރައްވައިފިއެވެ.
ރާއްޖެ ޓީވީގެ "ފަލަސުރުހީ" ޕްރަގްރާމުގައި މިރޭ ވާހަކަދައްކަވަމުން ހަމީދު ވިދާޅުވީ އެއްވެސް ފުލުހަކު މަޖިލިސް މެންބަރަކަށް ފާރަލުމުގެ ހަރަކާތެއް އޭނާއަށް އެނގިގެން ހިންގާފައި ނުވާ ކަމަށެވެ.
"ފުލުހުންނެއް އަޅުގަނޑަކަށް އެނގިގެނެއް ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރަކަށް ފާރަލުމުގެ ހަރަކާތެއް ހިންގައިފައެއް ނުވޭ،" ހަމީދު ވިދާޅުވިއެވެ.
ހަމީދު ވިދާޅުވީ އެކަމާ ގުޅިގެން ރައީސް ނަޝީދަށް ގުޅުއްވައި ވަރަށް ސާފުކޮށް އެކަންކަން ކިޔައިދެއްވާފައިވާ ކަމަށާއި އެފަދަ އެއްވެސް އޮޕަރޭޝަނެއް ފުލުހުންގެ ފަރާތުން ހިންގާފައިނުވާ ކަމަށެވެ.
"ތި ފާހަގަކުރެއްވި ކަންތަކާ ގުޅިގެން އަޅުގަނޑަށް ގުޅުނު ރައްޔިތުންގެ މަޖިލީހުގެ ރައީސަށް. އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާފައިވާނީ ފުލުހުންގެ ފަރާތަކުންނެއް އެފަދަ އޮޕަރޭޝަނަށް އެކްޓިވިޓީއެއް ނުހިންގާ. އެއީ ހިނގާފައި އޮތް ކަންތައްތަކެއް ނޫން،" ހަމީދު ވިދާޅުވިއެވެ.
މިމަހުގެ ފުރަތަމަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް ބައެއް ފުލުހުން ރެއިޑްކުރުމަށާއި ފާރަލުމުގެ ކަންކަން ކުރަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އަޅުގަނޑަށް ވަރަށް މައުލޫމާތު ލިބޭ އެބަ، ފުލުހުންގެ ތެރެއިން މަދު ކުދިންކޮޅެއް ރައްޔިތުންގެ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އެކިއެކި ކަންކަން ރެއިޑް ކުރުމަށް، ބެލުމަށް، މަސައްކަތް ކުރަމުންދާ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އެގޮތަށް މަޖިލިސް މެންބަރުންގެ ގެކޮޅަށް ވިޔަސް އަދި ސައިކަލަށް ވިޔަސް އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް، ފުލުސް އޮފީހުގެ ހަމަތަކާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގެ ބަލައި ފާސްކުރުމުގެ ވިސްނުމުގައި އެއްވެސް މަސައްކަތެއް ނުކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިދެންނެވި ގޮތަށް މަޖިލިސް މެންބަރުންގެ ގެ ކޮޅަށް ވިޔަސް، ސައިކަލަށް ވިޔަސް، އެހެން ރައްޔިތަކަށް ޝައުގުވެރިކަން ނުދޭ މިންވަރަށް ފުލުހުންގެ އޮފީހުގެ ހަމަތަކާއި ހިލާފަށް ވަކިން ހާއްސަކޮށް ގޮސް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ޗެކްކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގެ ބަލައި ފާސްކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ، އެވެނިކަމެއް މިވެނިކަމެއް ކުރަން އެ ވިސްނުމުގައި އެއްވެސް ފުލުހެއް މަސައްކަތް ނުހުރުމަށް ދަންނަވަން އެދެން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.
އެ މައްސަލައާ ފުލުހުންގެ ބިލާ ގުޅުމެއް ހުރެދާނެ ކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މަޖިލީހުން ފުލުހުންގެ ބިލުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ބިލުގެ ސަބަބުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށާއި އެ މުއައްސަސާއަށް ހެޔޮ އިސްލާހު އަންނާނެ ކަމަށެވެ. އަދި ވިދާޅުވީ، އެންމެން ވެސް އެދެނީ މިރާއްޖޭގައި ރަނގަޅު ފުލުހުންގެ މުއައްސަސާއެއް އޮތުމަށް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު