ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫ އަރާ ފަދަ އަދި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެއްވެސް އެއްބަސްވުމެއް އެއްވެސް ގައުމަކާއެކު ޕީޕީއެމްގެ ސަރުކާރުގައި ހަދާފައި ނުވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނެފައިވަނީ އިންޑިއާ އިން ރާއްޖެ ގެންނަން މަސައްކަތް ކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދެގައުމުގެ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދޭން ނިންމާފައިވާ ޑޯނިއޯ ބޯޓެއް ކަމަށް ސަރުކާރުން ބުނުމާ ގުޅިގެން މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނީ، ގައުމީ ދިފާއީ ބާރުގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްކަމުގައިވިޔަސް އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްކަމުގައިވިޔަސް ރާއްޖޭގެ ފަސްގަނޑުގައި އެހެން ގައުމެއްގެ އަސްކަރީ ބަޔަކު ގާއިމުވެ ތިބުމަކީ އެއްވެސް އިރެއްގައި އެ ކޯލިޝަނުން ތާއީދުކުރި ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަމަކަށް މަގުފަހިވާނެ ގޮތަށް މުއާމަލާތްކޮށް، އެއްބަސްވުންތައް ހެދުމަކީވެސް އެ ކޯލިޝަނުން ކުރާނެ ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަންގެ ބަޔާނުގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހާރިޖީ އަދި އަސްކަރީ ދާއިރާއިންވެސް އެކުވެރި ގައުމުތަކާ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށް އެ ކޯލިޝަނުން ތާއީދު ކުރާ ކަމަށް ބުނެފައިވެއެވެ.
މީގެ އިތުރުން ބަޔާނުގައި ބުނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ހުރަސް ނޭޅޭ ކަންކަމުގައި ރާއްޖެއާއި އެކުވެރި ގައުމުތަކާއެކު، ގައުމުގެ ތަރައްގީއަށް އެހީތެރިކަން ހޯދުމާއި ވަސީލަތްތައް ހޯދުމާއި ވަސީލަތްތައް ގާއިމުކުރުމަކީ މުހިންމު ކަމެއްކަމުގައި ދެކި ޕީޕީއެމްގެ ސަރުކާރުން ވާނީ އަބަދުވެސް މަސައްކަތްކޮށްފައި ކަމަށެވެ. އަދި ދިވެހިންގެ ގައުމިއްޔަތު ދިފާއުކޮށް، ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމުގައި ޕްރޮގްރެސިވް ކޯލިޝަން އަބަދުވެސް ދެމިތިބޭނެ ޔަގީންކަން އަރުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު