އެމްއެމްޕީއާރުސީގެ ހިޔާނާތަކީ މާޒީން ތަޖުރިބާ ހޯދައިގެން ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށާއި އެ ހިޔާނާތުގެ ތެރެއިން ރަށްތަކުގެ އަގުތަކަށް ބަލާއިރު 3.4 ބިލިއަން ރުފިޔާ ލިބެންޖެހޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ އެ ކޮމިޝަނުން ކުރަމުން އަންނަ މަސައްކަތަކީ ރަށްތަކާއި ފަޅުތައް ދީފައި ހުރީ ހަމަ އަގުގައިތޯ ބެލުން ކަމަށާއި އެގޮތުން ބެލި ބެލުމުން އެފަޅުތަކާއި ރަށްތައް ދީފައިވަނީ މުޅިން ވެސް ނުއަގުގައި ކަން ފާހަގަވެފައިވާ ކަމަށެވެ.
"ދެން ރަށްތަކަށް ނަގާފައިވާ އަގަށް ބަލާއިރު، ރަށްތަކަށް ފަޅުތައް ނުހިމަނާ. އެއީ އަޅުގަނޑުމެންނަށް ފަޅުތައް ހިމަނަން އުނދަގޫވީ އެހާތަނަށް އައި އިރުވެސް ނެތް ފަޅުތައް އަގުމަގު ކުރާނެ އުސޫލެއް. ނަމަވެސް ރަށްތައް އަގުމަގު ކުރާނެ އުސޫލެއް އޮތް. އެ އުސޫލުގެ މައްޗަށް ބިނާކޮށް ބެލީމަ އަޅުގަނޑުމެން ނުލިބިގެން މިއުޅެނީ 77 މިލިއަން ޑޮލަރެއް ނޫން. 270 މިލިއަން ނުވަތަ 3.4 ބިލިއަން ރުފިޔާ ނުލިބިގެން މިއުޅެނީ،" އަސްއަދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފަޅުތައް ހިމަނައިފި ނަމަ ހަތަރު ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ. އަދި 3.4 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް ލިބިފައިވަނީ 1.2 ބިލިއަން ކަމަށާއި އެއީ ހަތަރުބައިކުޅަ އެއް ބައި ވަރުގެ އަދަދެއް ކަމަށް ވިދާޅުވިއެވެ.
"ހަގީގަތުގައި ލިބެން ޖެހޭ އާމްދަނީން ހަތަރު ބައިކުޅަ އެއްބައި ލިބިފައި މިއޮތީ،" އަސްއަދު ވިދާޅުވިއެވެ.
އަސްއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ތެރެއިން ހިންގި ހިޔާނާތަކީ މާޒީން ފިލާވަޅު ލިބިގަނެގެން، ހިންގާފައިވާ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ. އެ ހިޔާނާތް ހިންގިއިރު ދައުލަތުގެ މުޅި ސިސްޓަމް ފެއިލްވެފައިވާ ކަމަށާއި މިކަމުގައި އިސްތިސްނާވާ އެއްވެސް އިދާރާއެއް ނުހިމެނޭ ކަމަށް ވިދާޅުވިއެވެ.
އަސްއަދު ވިދާޅުވީ ރާއްޖޭގެ އެންމެ އަގުބޮޑު މުދާ ނުހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށާއި އެ ހިޔާނާތް ހިންގުމަށް ބޭނުންކުރި އަމިއްލަ ކުންފުންޏެއް ކަމަށްވާ އެސްއޯއެފް ކުންފުނިން ފައިސާ ލިބުނުކަމަށް 155 ފަރާތް ހިމެނުނު ނަމަވެސް މިހާރު އެ އަދަދު 300 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށެވެ.
"މިހާރު އެ އަދަދު ހުރީ 300 އަށް ވުރެ މަތީގައި. އެކަމަކު މީގެ ދެ ހަފުތާ ފަހުން އެ އަދަދު އަނެއްކާވެސް އިތުރުވެދާނެ. އިތުރުވަނީ، އަޅުގަނޑުމެން މި މައްސަލަ ބަލަމުންދާ ވަރަކުން އެ ލިސްޓަށް އިތުރު ނަންތައް ވަންނަމުންދާތީ،" އޭނާ ވިދާޅުވިއެވެ.
އެ ހިޔާނާތުގައި ތުހުމަތުކުރެވޭ 300 ފަރާތް އޭސީސީއާ ފުލުހުންނާއި ބަންޑާރަ ނައިބުގެ އިތުރުން ޕްރޮސެކިޔުޓާ ޖެނެރަލާ ގުޅިގެން، ގިންތި ކުރެވިފައިވާ ކަމަށާއި އެގޮތުން އެކަމުގައި ބަލާފައިވަނީ އެ މީހަކު އެ ވަގުތު ހުރި މަގާމާއި ފައިސާ ލިބުނު އަދަދާއި ހެކި ހުރި މިންވަރުގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު